އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ މަންދޫބުންނާއި އީރާނާ ދެމެދު އެއްބަސްވެފައިވާ ދެލިކޮޕީއަށް ފަހު ވަގުތު ބަދަލުތަކެއް ގެންނަވައިފިއެވެ.
އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް މި ބަދަލުތައް ގެންނެވީ ސިޗުއޭޝަން ރޫމްގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މި އެއްބަސްވުމުގެ ދެލިކޮޕީ އެކުލަވާލާފައިވަނީ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނަރ ފަދަ އިސް ބޭފުޅުން ހިމެނޭ ޓީމަކުންނެވެ. ނަމަވެސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ މާއްދާތަކާއި، ޔުރޭނިއަމް ބޭރުކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތައް މިހާރަށްވުރެ ހަރުކަށި ކުރުމަށް އަމުރުކުރައްވާފައެވެ. ވަކިން ހާއްސަކޮށް، އީރާނުގައި ހުރި މަތީ މިންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރައްކާ ނައްތާލުމަށް ނުވަތަ ބޭރުކުރުމަށް ޓްރަމްޕް ބާރުއަޅުއްވައެވެ.
މީގެ އިތުރުން، ހޯރްމޫޒް ކަނޑުއޮޅި އެއްވެސް ހުރަހަކާ ނުލައި އަދި އެއްވެސް ފީއެއް ނެގުމަކާ ނުލައި ވަގުތުން ހުޅުވާލުމާ ގުޅޭ ގޮތުން އެއްބަސްވުމުގައި ހުރި ބަސްމަގު ވަރުގަދަ ކުރުމަށްވެސް ޓްރަމްޕް ވަނީ އެދިވަޑައިގެންފައެވެ.
"އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތެއް ނުދޭނަން،" ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ބަލިކަށި އެއްބަސްވުމެއް ގަބޫލުނުކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މި އެއްބަސްވުމަކީ 2026 ވަނަ އަހަރުގެ ކުރީކޮޅު ހިނގި ކުރިމަތިލުންތަކަށްފަހު ގާއިމުކޮށްފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން 60 ދުވަހަށް އިތުރުކުރުމަށް ތައްޔާރުކޮށްފައިވާ އެއްބަސްވުމެކެވެ. މި މަޝްވަރާތަކުގައި ޕާކިސްތާނާއި ގަތަރު ފަދަ ގައުމުތަކުން މެދުވެރިއެއްގެ ދައުރު އަދާކުރެއެވެ. އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، ދަތިކުރުމުގެ ފިޔަވަޅުތަކުން ލުއި ދިނުމާ ގުޅޭގޮތުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި ލަސްވުމަކީ ވޮޝިންޓަނަށް އެމީހުން ބޭނުންވާ ގޮތަށް ކަންކަން މަޖުބޫރު ނުކުރެވޭކަމުގެ ނިޝާނެއް ކަމަށް ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް، މިއީ ޓްރަމްޕްގެ އާންމު މަޝްވަރާގެ އުކުޅެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އީރާނަށް މިހާރުވެސް އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން އެގައުމުގެ ތެލުގެ އާމްދަނީއަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ.
މި މައްސަލައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލު އަތުވެދާނެތީ އިންވެސްޓަރުން ދަނީ މިކަން ވަރަށް ގާތުން ބަލަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި އެއްބަސްވުމަށް އީރާނުން ދޭނެ ޖަވާބެއްގެ މައްޗަށް މުޅި ސަރަހައްދުގެ ހަމަޖެހުން ބިނާވެގެންވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!