މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށްވީ ހިނދު، އޭގައި އެހެން މީހުންގެ ޙައްޤުތަކެއް ވެސް ﷲ سبحانه وتعالى ލައްވައިފައިވާފައިވާކަން މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
"ހޭދަކުރުމުގައި އިޤުތިޞާދުކުރުން" މި މައުޟޫއަށް ގެނެސްދިން ޚުޠުބާގައި ވަނީ މުދާ ހޯދުމާއި ހޭދަކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުޠުބާގައި ބުނެފައިވާ ގޮތުގައި މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތުދިނުމާއި، ޓެކުމާއި، ރިބާގެ މުޢާމަލާތުކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. ހަމަ އެހެންމެ މުދާ ލިބުމަށް ފަހު މުދަލަށް ގެއްލުންދިނުމާއި، މުދާ ހަލާކުކުރުމާއި، ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީ ވެސް ހުއްދަ ކަންކަމެއް ނޫންކަން ޚުޠުބާގައި ފާހަގަކުރިއެވެ.
މުދާ ހޭދަކުރުމުގައި އިސްރާފުކުރުމާ ދުރުހެލިވުމަށް ގޮވާލަމުން ޚުޠުބާގައި ބުނީ، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުމާއި، އެ ތަކެތި ބޭނުންނުކޮށް ހުރެ މުއްދަތުހަމަވެ އުކައިލާން ޖެހުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ތިމާއަށް ދެއްވައިފައިވާ މުދަލުގައި، އަނބިދަރީންނާއި ގާތްތިމާގެ މީހުންގެ އިތުރުން ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ޙައްޤުތައް ވާކަން ދަނެ، އެ ޙައްޤުތަކުން އެބައިމީހުން މަޙުރޫމު ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ދިރިއުޅުމުގެ ކަންތައްތަކާއި ޢާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމެއް ގެންގުޅުމަށް ޚުޠުބާގައި ބާރުއަޅާފަވެއެވެ. އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި، ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ހިމެނޭ ކަމަށް ޚުޠުބާގައި ބުންޏެވެ. އެހެންކަމުން، ދަރަނި ނަގައިގެން ޚަރަދުކުރާން ޖެހޭ ޙާލަތެއް މެދުވެރި ނުވަނީސް، ދަރަނިނެގުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވާން ޖެހޭނެކަން ޚުޠުބާގައި ނަސޭހަތްތެރިވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!