ށ. ފޯކައިދޫގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ 'ވިޒިޓް ފޯކައިދޫ' ކެމްޕޭން ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިއެއްގެ ގޮތުގައި ބައިވެރިވުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ފޯކައިދޫ އަށް ޒިޔާރަތްކޮށްފިއެވެ.

ވިޒިޓް ފޯކައިދޫ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މި ރަސްމިއްޔާތު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދެވެ.

Ad
d

ވިބޫތީ ޝަރުމާ ފޯކައިދޫ އަށް އައުމުން ދިވެހި ވަންތަ ހޫނު ނަރުޙަބާއެއް ކިޔާފައިވާއިރު، އޭނާ އަށް ފޯކައިދޫން ފުރަތަމަ މަރުޙަބާ ކިޔާފައި ވަނީ ކައުންސިލްގެ ރައީސް އަހްމަދު އަންވަރެވެ.

ވިބޫތީ ޝަރުމާ ފޯކައިދޫ އަށް އައުމުން ކައުންސިލްގެ ރައީސް އަންވަރު މަރުޙަބާ ކިޔަނީ، ފޮޓޯ: ވިޒިޓް ފޯކައިދޫ

މި ދަތުރުގައި ވިބޫތީ ފޯކައިދޫގައި ދެ ދުވަހުގެ ކުރު ޗުއްޓީއެއް ހޭދަކުރަން ނިންމާފައިވާއިރު، އަދި ކެމްޕޭން އިފްތިތާހުކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގައި އޭނާގެ ހިތްގައިމު ލަވަތަކެއް ހުށަހަޅައިދޭނެކަމަށް ވެސް ވިޒިޓް ފޯކައިދޫ ވެބްސައިޓްގައި ބުނެފަވެއެވެ.

ވިބޫތީ ޝަރުމާއަކީ އިންޑިއާގެ ޗަންދީގަޅަށް އުފަން، ބޮލީވުޑް މިއުޒިކާއި، އިންޑީ، ރެޓްރޯ އަދި ގަޒަލް ކިޔުމުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ފަންނާނެކެވެ. އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ވިބޫތީ ވަނީ ސްކޫލް އަދި ޔުނިވަރސިޓީ ފެންވަރުގެ ގިނަ މުބާރާތްތަކަކުން ކާމިޔާބީ ހޯދާފައެވެ.

އަމިއްލަ ރާގުގެ ލަވަތައް އުފައްދާ ލަވަކިޔުންތެރިއެއްގެ ގޮތުގައި މަގުބޫލުކަން ހޯދަމުން އަންނަ ވިބޫތީގެ ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި "Raasta"، "Ehsaas"، "Gustakh Dil" އަދި "Majnu" ފަދަ ލަވަތައް ހިމެނެއެވެ. އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އާންމުންނަށް ދޫކޮށްލާފައިވާ އެކޯސްޓިކް ކަވަރ ލަވަތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ.

މި ރަސްމިއްޔާތަކީ ފޯކައިދޫގެ ފަތުރުވެރިކަން އާ އުސްމިންތަކަކަށް ގެންދިއުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ބެލެވެއެވެ. ބައިނަލްއަގުވާމީ ފަންނާނެއްގެ ބައިވެރިވުމާއެކު މި ކެމްޕޭން ފެށިގެން ދިއުމަކީ ރަށުގެ ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

Ad
df

މިދުވަސްވަރަކީ ޢީދު ދުވަސްވަރުކަމަށް ވުމާއެކު ފޯކައިދޫގައި ދަނީ ވަރަށް ކުލަގަދަކޮށް ޢީދު ފާހަގަކުރަމުންކަން ފާހަގަކޮށްލެވެއެވެ.