އިންޑިއާގެ އުއްތަރަ ޕްރަދޭޝް އާއި އެހެނިހެން ބައެއް ސްޓޭޓްތަކުގައި އާންމު ތަންތަނާއި މަގުމަތީގައި އީދު ނަމާދުކުރުން މަނާކޮށް، ފުލުހުންގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން އެ ގައުމުގެ މުސްލިމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.

އެހެންވެ، މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް، މިސްކިތްތަކުގެ މެނޭޖްމަންޓް ކޮމިޓީތަކުން ވަނީ ނަމާދަށްފަހު އަވަހަށް މީހުން ފޮނުވާލުމަށާއި، މަގުމައްޗަށް މީހުން ނުނިކުތުމަށް އިރުޝާދު ދީފައެވެ.

Ad
rt

އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތްޔަނާތު ވަނީ މަގުމަތީގައި ނަމާދުކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

"ސުލްހަވެރިކަމާއެކު މިކަމަށް އެއްބަސްވެއްޖެނަމަ ރަނގަޅު، އެހެން ނޫންނަމަ އަހަރެމެން އެހެން ގޮތެއް ބޭނުންކުރާނަން،" އަދިތްޔަނާތު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވެއެވެ. މި އިންޒާރާއެކު، މިދިޔަ އަހަރު މަގުމަތީގައި ނަމާދުކުރި މީހުންގެ ގެދޮރު ތަޅާލުމާއި، ޕާސްޕޯޓް ފަދަ ލިޔެކިޔުންތައް ކެންސަލްކުރުން ފަދަ ކަންކަން ހިނގާފައިވާތީ މުސްލިމުން ތިބީ ނުހަނު ކަންބޮޑުވުމެއްގެ ތެރޭގައެވެ.

މިސްކިތްތަކުގެ ޖާގައިގެ ދަތިކަން

މުސްލިމުން ފާހަގަކުރާ ގޮތުގައި، ގިނަ މިސްކިތްތަކަކީ އާބާދީއާ އަޅާބަލާއިރު ކުދި ތަންތަނަށް ވުމުން، އީދު ނަމާދު ފަދަ ބޮޑެތި ޖަމާއަތްތައް މިސްކިތުގެ އެތެރޭގައި އެކަނި ބޭއްވުމަކީ އަމަލީ ގޮތުން ދަތި ކަމެކެވެ. ނަމަވެސް، ހަރުކަށި ހިންދޫ ގްރޫޕްތަކުން ވަނީ މަގުމަތީގައި ނަމާދުކުރުމަކީ ބާރު ދެއްކުން ކަމަށް ސިފަކޮށް، އެކަން މުޅިން މަނާކުރުމަށް ގޮވާލާފައެވެ.

މި އިންޒާރުތަކާއެކު މީރަތު ފަދަ ސަރަހައްދުތަކުގައި މިސްކިތްތަކުގެ ކޮމިޓީތަކުން ވަނީ ޢީދު ނަމާދު އެކި ޝިފްޓްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވިސްނުންގެންގުޅިފައެވެ.

"އަހަރެމެން މިހާރު ބިރުގަނޭ ކުޑަ ކުށެއް ކުރެވިދާނެތީވެސް. ކުރިން އީދު ހެނދުނަކީ އުފާވެރި ވަގުތެއް، އެކަމަކު މިހާރު އޮންނަނީ ނުތަނަވަސްކަން،" މީރަތުގެ ރައްޔިތަކު މީޑިއާއަށް ކިޔައިދިނެވެ.

މި ހާލަތުގެ ސަބަބުން އިންޑިއާގެ މުސްލިމުންގެ ދީނީ މިނިވަންކަމަށް ހުރަސް އެޅި، އާންމު ތަންތަނުގައި އެމީހުންގެ ދީނީ ވާޖިބުތައް އަދާކުރުން ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ. ފުލުހުންނާއި ސަރުކާރުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، އީދުގެ އުފާވެރިކަމުގެ ބަދަލުގައި މުސްލިމުންގެ މެދުގައި އޮތީ ކުރިމަތިލުމަކަށް ގޮސްދާނެތީ އޮތް ބިރުވެރިކަމެވެ.