މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް އެޕާޓްމަންޓެއް ބަލާފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މުތީހައުސް، އަޙްމަދު ޖިނާޙު (43އ) އާއި، ހއ. ހޯރަފުށި، ސައިމާގެ، އަޙްމަދު ސަޢީދު (28އ) އާއި، ގދ. މަޑަވެލި، ހައުސްޓަން، މުޙައްމަދު އަނޫފް ޢަލީ (27އ) ގެ އިތުރުން ގދ. ހޯޑެއްދޫ، އަބުމާގެ، އަޙްމަދު މަޢީޝް ރަޝީދު (28އ) އެވެ.
މި ހަތަރު މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.
މި މަހުގެ 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލޭގެ ފަސް އެޕާޓްމަންޓެއް ބަލާފާސްކޮށްފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ބަލާފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 100.09 ގުރާމުގެ ތަކެތި ވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ޖިނާޙާއި އަޙްމަދު ސަޢީދު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު އަނޫފް ޢަލީ އާއި އަޙްމަދު މަޢީޝް ރަޝީދު ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!