ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް އިދިކޮޅު އެމްޑީޕީއަށް ނުނެގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕެއިން އިފްތިތާޙްކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރަށްވާ އެ ޕާޓީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ތަކުރާރުކޮށް މަޖިލީހުގެ ތެރެއިން ރައީސް މުޢިއްޒުގެ އިތުބާރުނެތްކަމުގެ ވޯޓެއް މި އަހަރުގެ ކުރިން ނަގާނެކަމަށް ވިދާޅުވަމުންނެވެ.

ނަޝީދުގެ އެވާހަކަފުޅަށް ވަރުގަދަ ރައްދެއް ދެއްވަމުން އަބްދުއްރަޙީމް ސިފަކުރެއްވިގޮތުގައި މަޖިލީހުގެ ތެރެއިން ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގާނެކަމަށް ބުނުމަކީ ''ނަނާ ހުވަފެން ދެއްކުން'' ފަދަކަމެއްގެ ގޮތުގައެވެ.

"ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" އަބުދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުން ހައްލައި ވާވައްދަން އަވާމެންދުރު ދައްކައިގެން އެމްޑީޕީއަށް ކާމިޔާބެއް ނުލިބޭނެ ކަމަށާއި، ރައްޔިތުން ތިބީ ރައީސް ޑރ. މުޢިއްޒާ އެކުގައި ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، މާޒީއަށް ބެލުމުން އެ ގޮނޑި ޙައްޤުވަނީ ޕީއެންސީއަށް ކަމަށެވެ. އެއީ އައްޑޫ ރައްޔިތުންގެ މުހިއްމު ލިޔެކިޔުންތަކުގައި ހުޅުޖެހި ބައެއްގެ ކެންޑިޑޭޓެއް އައްޑޫ ރައްޔިތުން ބޭނުންނުވާނެތީ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.