ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި ޚާއްޞަކޮށްގެން އުފައްދާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ކުރިއަށް އޮތް މިނިވަން ދުވަސް، ނުވަތަ ޖުލައި މަހުގެ 26 ގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ފެށި "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި އެކި ކަންކަމާ ގުޅޭގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތަކަށް 24 ގަޑިއިރު ޚިދުމަތް ދިނުމަށް ޤާއިމްކުރާ މި ބިއުރޯގެ އިދާރީ ހުރިހާ މަސައްކަތްތަކެއް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި އޮފީސް މެދުވެރިކޮށް ރައްޔިތުންގެ އަޑު ސަރުކާރުގެ އެންމެ މަތީ ފަންތިއާ ހަމައަށް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބިއުރޯގެ މަސައްކަތްތައް ބައްޓަންކުރެވިފައިވަނީ ޒަމާނީ ވަސީލަތްތަކުގެ އެހީގައެވެ. އެގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތައް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ވީހާވެސް އަވަސް ޖަވާބެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބިއުރޯގެ ދަށުން 24 ގަޑިއިރު ޚިދުމަތް ދޭ ކޯލް ސެންޓަރެއްގެ އެހީގައި މި މަސައްކަތް ކާމިޔާބުކަމާއެކު ހާސިލްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަސައްކަތުގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބިއުރޯ ހިންގުމަށްޓަކައި ވެރިއަކުވެސް ޢައްޔަނުކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް، މިނިސްޓަރުގެ ފެންވަރުގައި ޢައްޔަނުކުރައްވާފައިވަނީ މ. ވެލަގަލި، ޑޮކްޓަރ މުޙައްމަދު މާހިދު ޝަރީފެވެ.
މި ބިއުރޯ ހުޅުވުމަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށާއި، ސަރުކާރުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!