ވަޒީރުންގެ މަޖިލީހަށާއި ސަރުކާރުގެ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ފެށި "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ރައްޔިތުން ބުނެދިނީ އެމަނިކުފާނު ބަދަލުތައް ގެންނަވަންޖެހޭ ކަމަށެވެ. އެގޮތުން ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލަކީ ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގެންނެވި މުހިންމު ބަދަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ހިންގުމަށް އައި ބަދަލުތަކުގެ މިސާލެއް ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ބޭރުގައި ކިޔަވާ ދަރިވަރުން އެކި ކަންކަމުގައި އެދުމުން އެކަންކަން ފުރިހަމަކުރުމަށް އެވްރެޖްކޮށް ހަތަރު ހަފްތާ ހޭދަވާ ކަމަށެވެ. ނަމަވެސް މިހާރު ގެނެވުނު ބަދަލުތަކާއެކު އެ މުއްދަތު ހަތަރު ދުވަހަށް ކުޑަވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކީގައި އެފިޝަންސީ ވަރަށް މަތިކުރެވިއްޖެ މިހާރު ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަލާއިރުގައި. އޭގެ މާނައެއް ނޫން ކުރީގެ މިނިސްޓަރުން ފަރުވާތެރިކަމާއެކު މަސައްކަތް ނުކުރެއެކޭ. އެކަމަކު އެއަށްވުރެ ރަނގަޅަށް ކުރަން ބޭނުންވެގެން އަޅުގަނޑު ގެންނަން ބޭނުންވި ބަދަލުތަކެއް ގެނައީ. ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތްތައް ބަލަމުންދާއިރު އަޅުގަނޑަށް ފެނޭ މިގެނައި ބަދަލުގެ ހެޔޮ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާކަން،" މި ބަދަލުތަކާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފަވެއެވެ.

ރައީސް މުޢިއްޒު ވަނީ މި ނިންމެވުންތަކުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އަޅުއްވަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.