ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ފަހު މެޗުގައި ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ އާއި ބ. އޭދަފުށީގެ ކުރިހަމަތިލުން 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
މެޗަށް ނުކުތްއިރުވެސް ދެ މެޗު ބާކީއޮއްވައި ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ދިއްދޫ ވަނީ މި ލީގުގައި މެއި 3 ގައި ހޯމްގައި ކުޅުނު މެޗު 2-1 އިން އޭދަފުށި ބަލިކޮށްފައެވެ. ދިއްދޫ ލީގު ލީގު ނިންމާލާފައި ވަނީ އެއްވެސް މެޗަކުން ބަލިނުވެ އެ ޓީމު ދައްކަމުން އަންނަ ރެކޯޑާއެކުއެވެ. އެއްވަރުވި އޭދަފުށީގެ ހޯމް މެޗު ފިޔަވައި ހުރިހާ މެޗަކުން ދިއްދޫ ވަނީ މޮޅުވެފައެވެ.
އިއްޔެ ހަވީރު އޭދަފުށީގައި ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، މެޗުގެ ދެ ގޯލް ވެސް ފެނުނީ ފުރަތަަމަ ހާފުގައެވެ. މެޗުގެ ލީޑު ނެގީ 13 ވަނަ މިނިޓްގައި އޭދަފުށިންނެވެ. އެއީ އެޓީމްގެ އުޒްބެކިސްތާން ފޯވާޑު ޝުހްރަބް ގޯލް އޭރިއާތެރެއިން ޖައްސާލި ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޭދަފުށީގެ ޖޯޒީ ނަންބަރު 27 އިބްރާހީމް ޝަރީފް (ލުއްޑަ) ޖަހައިދިން ލަނޑެކެވެ.
މެޗުގައި ނަތީޖާ ހަމަކުރި ލަނޑު ދިއްދޫ އަށް ޖަހައިދިނީ 45 ވަނަ މިނިޓްގައި ޖޯޒީ ނަންބަރު 15 ހުސެން ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.
މި މެޗަށްފަހު ''ބީއެމްއެލް ނޯތު ރީޖަނަލް ޗެމްޕިއަން 2026'' އަށް ޓްރޮފީ ދިނުމުގެ ރަސްމިއްޔާތު ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ލީގުގައި 16 ޕޮއިންޓާއެކު ޗެމްޕިއަން ދިއްދޫ އެއްވަނާގައި އޮތްއިރު، ދެވަނަ ލިބުނީ 10 ޕޮއިންޓާއެކު އޭދަފުއްޓަށެވެ. ހަނިމާދޫ އަށް 9 ޕޮއިންޓާއެކު ލިބުނީ ތިން ވަނައެވެ. ލީގުގައި އެއްވެސް މެޗަކުން މޮޅުނުވެވި މަނަދޫ ދިޔައީ ޕޮއިންޓެއް ނުލިބި ތާވަލްގެ ފުލަށެވެ.
ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން، ހޯދުމުން ދިއްދޫ އަށް ވަނީ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުން ފުރުސަތުލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!