ވ. އަތޮޅުގެ އަލިމަތާ ކައިރި އަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން، ނުނެގި އޮތް ދެ މީހުންގެ ހަށިގަނޑު މިއަދު ނަގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހަވާލާދީ ރޮއިޓާސް އިން ބުނެފިއެވެ.

މިއާއެކު މި ހާދިސާގައި މަރުވި އެންމެން ހޯދުމުގެ މަސައްކަތް މިވަނީ ނިމުމަކަށް އައިސްފައިކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

Ad
rt

މި ހާދިސާ ހިނގާފައިވަނީ ކަނޑުގެ ފުން ކޭވްއެއްގެ ތެރޭގައި ސޮފްޓް ކޮރަލް ނުވަތަ މަޑު މުރަކަ ދިރާސާ ކުރުމަށް ހުއްދަ ހޯދައިގެން ޑައިވް ކުރަން އުޅުމުގެ ތެރޭގައެވެ. މި ގްރޫޕުގައި ޖުމްލަ ފަސް މީހުން ހިމެނެއެވެ.

ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއިން ދެ ފަތުރުވެރި ޑައިވަރުންގެ ހަށިގަނޑު ނަގައި މޯޗަރީއަށް

ރައީސް އޮފީހުގެ އޮފިޝަލަކާއި ހަވާދީ ރޮއިޓާސް އިން ބުނީ ބާކީ ތިބި ދެ ޑައިވަރުންގެ ހަށިގަނޑު ކޭވް ތެރެއިން ނެރެ މިހާރު ވަނީ މައްޗަށް އަރުވާފައިވާ ކަމަށެވެ. އަދި މިހާރު ހުރިހާ ހަށިގަނޑެއް މާލޭގެ މޯޗަރީއަށް ބަދަލުކުރެވިފައިވާ ކަމަށްވެސް އޮފިޝަލާއި ހަވާލާދީ އެ ނޫހުން ބުނެފަވެއެވެ.

މި ޑައިވިން ގްރޫޕް އިސްކޮށް ހުންނެވީ ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އެވެ. އޭނާއަކީ ރާއްޖޭގެ ކަނޑުތަކުގައި ގަވާއިދުން ޑައިވް ކުރާ މެރިން އިކޮލޮޖިސްޓެކެވެ. މި ހާދިސާގައި އޭނާގެ އިތުރުން އޭނާގެ އަންހެން ދަރިފުޅުވެސް ވަނީ މަރުވެފައެވެ.

ހަށިގަނޑުތައް ހޯދުމުގެ މަސައްކަތުގައި ފިންލޭންޑުގެ ޚާއްޞަ ޓީމެއްގެ އެހީތެރިކަން ހޯދާފައިވާއިރު، މިދިޔަ ހުކުރު ދުވަހު އިންސްޓްރަކްޓަރުގެ ހަށިގަނޑު އަދި އަންގާރަ ދުވަހު އިތުރު ދެ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ހިތާމަވެރި މި ހާދިސާގައި ހަށިގަނޑުތައް ހޯދުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފްގެ ޑައިވަރަކުވެސް ވަނީ ޑީކޯވެގެން މަރުވެފައެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަޙުޤީޤު ކުރަމުންނެވެ. އޭގެ ތެރޭގައި ޑައިވަރުން ކަނޑައެޅިފައިވާ ފުންމިނަށްވުރެ މާ ފުނަށް ފޭބިތޯ ބެލުން ހިމެނެއެވެ.