ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސަރުކާރު ބަދަލުކުރާނެކަމަށް ވިދާޅުވެ ވާހަކަދައްކަވައިގެން ސަމާލުކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަށްވުރެ، ޅަކުއްޖަކާ ކައިވެނި ބައްލަވައިގަންނަން އުޅުއްވާކަމަށް ވިދާޅުވިނަމަ މާބޮޑު ސަމާލުކަމެއް ލިބުނީސްކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.
މުޙައްމަދު އިސްމާޢީލް މިހެން ވިދާޅުވީ، ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުންނެވެ. ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދައިގެން މި އަހަރު ނިމުމުގެ ކުރިން ވެރިކަން ބަދަލުކުރައްވާނެ ކަމަށެވެ.
ނަޝީދުގެ އެ ވާހަކަފުޅަށް ރައްދުދެއްވައި މުޙައްމަދު އިސްމާޢީލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ބޭނުމަށްވެސް ދައްކަވަންވާނީ ބުރަދަން ހުރި އަދި ކުރެވޭނެ ވަރުގެ ކަންކަމުގެ ވާހަކަ ކަމަށެވެ.
"ތިއަށްވުރެން މަޝްހޫރުވާނެ މަނިކުފާން ޅަކުއްޖަކާ ކައިވެނިފުޅު ބައްލަވާގަންނަވަން އުޅޭކަމަށް ޖަލްސާގައި ވިދާޅުވިނަމަ. އޭރުން މާ އަވަހަށް ނޫސްތަކުން ޚަބަރު ހަދާނެ،" މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު އޮތް ސަރުކާރަކީ ރައްޔިތުންގެ ރައީސަކު ވެރިކަން ކުރައްވާ ސަރުކާރެއްކަމަށާއި، މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އެދޭ މަގުން މަސައްކަތްކުރާ މަޖިލީހެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީއަށް ކަމަށްވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަޖިލީހުގެ ޖުމްލަ 93 މެމްބަރުންގެ ތެރެއިން ސަރުކާރު ހިންގާ ޕީއެންސީގެ 73 މެމްބަރުން ތިއްބަވައެވެ. މިއީ މަޖިލީހުގެ ސުޕަ މެޖޯރިޓީއަށް ބޭނުންވާ 62 މެމްބަރުންނަށްވުރެ އިތުރު އަދަދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!