މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް މަހެއްގެ މައްޗަށް ކުރާ ހޭދަ 66 މިލިއަން ޑޮލަރު އިތުރުވެ، ޖުމްލަ 116 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ އެ ވުޒާރާގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ، މެދުއިރުމަތީ ހަނގުރާމަ ފެށުމުގެ ކުރިން ތެޔޮ އެތެރެކުރުމަށް މަހެއްގެ މައްޗަށް ޚަރަދުވަނީ ގާތްގަނޑަކަށް 50 މިލިޔަން ޑޮލަރު ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު 116 މިލިޔަން ޑޮލަރަށް އުފުލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް އެކަނިވެސް ދުވާލަކު 8,000 ފީފާގެ ޑީސަލް ބޭނުންވާއިރު، މިއީ އަހަރަކަށް ބަލާނަމަ 2.9 މިލިޔަން ފީފާގެ ޑީސަލެވެ.
އަޙްމަދު ޢަލީ އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ހަކަތަ އުފެއްދުމަށް ވަރަށް ބޮޑަށް ތެލަށް ބަރޯސާވެފައިވާ ޤައުމެއް ކަމަށާއި، 2025 ވަނަ އަހަރަށް އެކަނި ބެލިނަމަވެސް ތެޔޮ އެތެރެކުރުމަށް 10 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ޖީ.ޑީ.ޕީގެ ނިސްބަތުން 10 އިންސައްތަކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ފައިސާއަކީ ތެޔޮ ގަތުމަށް ޚަރަދު ނުކުރާނަމަ، ރަށްރަށުގައި ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި އަދި އެހެނިހެން އިޖްތިމާއީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންކުރެވޭނެ ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ތެޔޮ ފޯރުކޮށްދޭއިރު، ބޭރުގެ ހަނގުރާމަތަކާ ގުޅިގެން ދައުލަތުގެ ބަޖެޓުން އިންތިހާއަށް ބޮޑު ޚަރަދެއް ތެޔޮ އެތެރެކުރުމަށް ހޭދަކުރަން ޖެހިފައިވާ ކަމަށެވެ. މިކަމަށް އޮތް ހައްލަކީ ރާއްޖެއިން ލިބެން ހުރި އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކޮށް، ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!