އިޒްރޭލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމައާއި ގަތުލުއާންމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން، މިއަހަރު ބާއްވާ ޔޫރޯވިޜަން ލަވަ މުބާރާތް ބޮއިކޮޓް ކުރުމަށް ސްޕެއިން އިން ނިންމައިފިއެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހުކުރު ދުވަހު ވިދާޅުވީ، މި ނިންމުމާއެކު ސްޕެއިން އޮތީ "ތާރީޚުގެ ރަނގަޅު ފަރާތުގައި" ކަމަށެވެ.

Ad
rt

އޮސްޓްރިއާގެ ވިއެންނާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލްގެ ކުރިން، އެކްސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ސަންޗޭޒް ވިދާޅުވީ، ޣައިރު ގާނޫނީ ހަނގުރާމައާއި ގަތުލުއާންމާ ކުރިމަތިލާއިރު ހަނގު ހުރުމަކީ އިޚުތިޔާރެއް ނޫން ކަމަށެވެ.

"ގާޒާ އާއި ލުބުނާނުގައި ހިނގަމުންދާ ކަންތައްތަކަށް އަޅާނުލާ ތިބެވޭކަށް ނެތް. އެހެންކަމުން މިއަހަރު ތަފާތުވާނެ. އަޅުގަނޑުމެން ވިއެންނާއަކަށް ނުދާނަން. އެކަމަކު މިކަން ކުރަނީ އަޅުގަނޑުމެން މިތިބީ ތާރީޚުގެ ރަނގަޅު ފަރާތުގައި ކަމުގެ ފުރިހަމަ ޔަގީންކަމާއެކު،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ސްޕެއިން އަކީ ޔޫރޯވިޜަން އިންތިޒާމުކުރާ ޔޫރަޕިއަން ބްރޯޑްކާސްޓިންގް ޔޫނިއަން (އީ.ބީ.ޔޫ) އަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ގައުމެވެ. ނަމަވެސް، އިޒްރޭލުގެ ދައުލަތުގެ ބްރޯޑްކާސްޓަރު 'ކާން' އަކީ އީ.ބީ.ޔޫގެ މެންބަރަކަށް ވާތީ، އިޒްރޭލަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ.

ބޮޑުވަޒީރު ސަންޗޭޒް ވަނީ ރަޝިޔާއިން ޔޫކްރޭނަށް އެރި މައްސަލައާ އިޒްރޭލުގެ ހަނގުރާމަ އަޅާކިޔުއްވާފައެވެ.

"ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުން އެ ގައުމު މުބާރާތުން ބޭރުކުރެވުނު، އަދި ސްޕެއިން އިން އެ ނިންމުމަށް ތާއީދުކުރި. އިޒްރޭލާ ބެހޭގޮތުން ވާހަކަ ދައްކާއިރު ވެސް އެ އުސޫލުތައް ހިފަހައްޓަންޖެހޭނެ. ޑަބަލް ސްޓޭންޑެެއް އޮވެގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 150 މިލިއަނަށްވުރެ ގިނަ މީހުން ބަލާ މި މުބާރާތުގެ ފައިނަލް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ގިނަ ގައުމުތަކެއްގެ ފިއްތުންތަކާއެކުވެސް އިޒްރޭލުން މި މުބާރާތުގައި ބައިވެރިވެއެވެ.

މި ނިންމުމާ ގުޅިގެން ސްޕެއިންގެ އިތުރުން އައިސްލޭންޑް، އަޔަލޭންޑް، ނެދަލޭންޑްސް އަދި ސްލޮވީނިއާ އިން ވެސް ވަނީ އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް މިއަހަރުގެ މުބާރާތް ބޮއިކޮޓްކޮށްފައެވެ.

މި ބޮއިކޮޓްގެ މައިގަނޑު ސަބަބަކީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކެވެ. 2024 ވަނަ އަހަރު ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައި.ސީ.ސީ) ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. މީގެ ތެރޭގައި ގަސްދުގައި އާންމުންނަށް އަމާޒުކޮށް ހަމަލާދިނުމާއި، ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބަނޑަށްޖެއްސުން ބޭނުންކުރުން ހިމެނެއެވެ.