ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު އަށް ވަނަ މެޗުގައި ދިއްދޫ އިން 3-0 އިން މަނަދޫ ބަލިކޮށް ތާވަލުގެ އެއްވަނައިގެ ފަރަގު މިއަދު ބޮޑުކޮށްފިއެވެ.
މިއަދުގެ މެޗުގައި ދިއްދޫއިން މަނަދޫ ގޯލު ހުޅުވާލި ލަނޑު ޖަހާފައި ވަނީ 19 ވަނަ މިނިޓްގައި ޖޯޒީ ނަންބަރު 7 ތައުމީން ނޫހެވެ. ދިއްދޫގެ ދެވަނަ ގޯލެއް ވެސް ޖަހައިދިނީ ފުރަތަމަ ގޯލް ޖަހައިދިން ތައުމީން ނޫހެވެ. އެއީ 38 ވަނަ މިނިޓްގައި ޖަހައިދިން ގޯލެކެވެ.
ދިއްދޫ ލީޑު ފުޅާކުރި ލަނޑު ޖަހާފައި ވަނީ ފަހު ހާފުގެ 88 ވަނަ މިނިޓްގައެވެ. އެއީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޖޯޒީ ނަންބަރު 9 ބެނަރޑް ޖަހައިދިން ގޯލެކެވެ.
މެއި 10 ގައި މަނަދޫގައި ކުޅުނު މެޗު ދިއްދޫ ވަނީ 2-0 އިން ކާމިޔާބުކޮށްފައެވެ. އަދި މިއަދު ދިއްދޫގައި ކުޅުނުމެޗު ކާމިޔާބުކުރުމާއެކު ހަތަރު މެޗުން ވެސް ހޯދި މޮޅާއެކު ދިއްދޫ ވަނީ 12 ޕޮއިންޓާއެކު ލީގުގެ ތާވަލުގެ ކުރީގައި ހަމަޖެހިލާފައެވެ.
ތާވަލުގެ ދެވަނާގައި ހަނިމާދޫ އޮތީ ދެ މެޗުން މޮޅުވެ އަދި ދެ މެޗުން ބަލިވެ ހަ ޕޮއިންޓާއެކު ފައިދާ ގޯލުން ކުރި ލިބިގެންނެވެ. އޭދަފުށި ތާވަލުގެ ތިންވަނާގައި އޮތީ ދެ މެޗުން މޮޅުވެ އަދި ދެ މެޗުން ބަލިވެ ހަ ޕޮއިންޓާއެކުއެވެ. ތާވަލުގެ ފުލުގައި އޮތީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ބަލިވި މަނަދޫއެވެ.
މި ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ. އެއީ 16 މެއިގައި ކުޅޭ ހަނިމާދޫ - ދިއްދޫ މެޗާއި، 17 މެއިގައި ކުޅޭ މަނަދޫ - އޭދަފުށި މެޗާއި، 20 މެއިގައި ކުޅޭ އޭދަފުށި - ދިއްދޫ މެޗު އަދި 21 މެއިގައި ކުޅޭ މަނަދޫ - ހަނިމާދޫ މެޗެވެ.
މި މުބާރާތް ރާވާފައި ވަނީ ކޮންމެ ޒޯނެއްގެ ފައިނަލަށް ދާ ދެ ޓީމެއް ރީޖަން ލީގަށް ކޮލިފައިވާ ގޮތަށެވެ. މިގޮތުން ނޯތު ލީގާއި ސެންޓްރަލް އަދި ސައުތު ރީޖަން މިއިން ކޮންމެ ލީގެއް ވެސް ކުރިއަށް ގެންދަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
މާލޭ ލީގު ދެވަނަ ޑިވިޝަނާއި، ނޯތު، ސެންޓްރަލް، ސައުތު ރީޖަންގެ ޗެމްޕިއަނުންނަށް ޕްރިމިއާ ލީގު ކޮލިފައިން އިން ފުރުސަތު ލިބޭނެ އެވެ. މި ހަތަރު ޓީމުގެ އިތުރުން، މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއެކު، ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ވާދަ ކުރާނެ އެވެ. އަދި ޕްލޭއޮފްގެ އެންމެ ރަނގަޅު ހަތަރު ޓީމު، އަންނަ ސީޒަންގެ ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!