އިދިކޮޅު ފަރާތްތަކުން އިސްވެ އެމަނިކުފާނުގެ އަބުރުކަތިލަން މަސައްކަތްކުރަނީ ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން ދައްކާނެ ވާހަކައެއް ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނިމިދިޔަ ލޯކަލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ކުރީގެ ސަރުކާރުތަކުގައި ހިނގާފައިވާ ބޮޑެތި ޚިޔާނާތުގެ މައްސަލަތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހިނގި ވެންޓިލޭޓަރުގެ ވައްކަމަކީ ރައްޔިތުން ހަނދާންނެތޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އެކަން ބަލައި ކުށްވެރިންނަށް އަދަބު ދިނުމަށް މުއައްސަސާތަކަށް ގޮވާލެއްވިއެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ބަލައި، ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމަށް މިނިވަން މުއައްސަސާތަކުން ވަރުގަދަ މަސައްކަތެއް ކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.
''އެއިން އެއްވެސް ފަރާތަކީ އެ ފަރާތަކަށްވުރެ ގައުމު ދޫކޮށްލާފަ އިސްކުރާނެ ފަރާތެއްނޫން، އަޅުގަނޑުމެން އިސްކުރާނީ ގައުމު، އެހެންވީމަކަމަށް އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ސިޔާސަތުތަކަށް އަޅުގަނޑުމެންކުރާ މަސައްކަތްތަކާއި ބެހޭގޮތުން ދައްކާނެ ވާހަކައެއްނެތީމަ ދެން އޮތީ ބާކީ ހަމައެކަނި އަޅުގަނޑާއި ބެހުން، އެހެންވީމަ އަޅުގަނޑުގެ އަބުރު ނަގާލެވޭތޯ މަސައްކަތްކުރަމުން ދަނީ،'' ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކަށް ފާޑުކިޔޭނެ ޖާގައެއް ނެތުމުން، އިދިކޮޅު ފަރާތްތަކުން އަމާޒު ހިފާފައިވަނީ އެމަނިކުފާނުގެ އަބުރު ނަގާލުމަށް ކަމަށެވެ.
އެމަނިކުފާނާ ބެހޭގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކާ ގުޅޭގޮތުން ޒުވާންކުދިންކޮޅެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެފަދަ ކަންކަމުގައި މަޑުމަޑުން ހުންނަވަނީ ދެ ސަބަބަކާ ހުރެ ކަމަށެވެ. އެއީ އަމިއްލަ ނަފްސަށް އޮތް އިތުބާރާއި، ﷲ އަށް ދުޢާކޮށް އަޅުކަންކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު އުޅޭގޮތާއި ދައްކާ ވާހަކަ އެހެން މީހަކު ބުނާ އެއްޗަކުން ބަދަލުނުވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ރައީސް ވިދާޅުވީ، ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބެލުމުގައި މި ސަރުކާރުން މުއައްސަސާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކީ ގައުމަށްވުރެ އިސްކުރާނެ ފަރާތެއް ނޫންކަމަށް ވިދާޅުވެ، ގައުމީ މަސްލަހަތު އިސްކުރައްވާނެ ކަމުގެ ވައުދު ތަކުރާރު ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!