އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާ ސަރުކާރުން ކުރި ހޭދަ 29 ބިލިއަން ޑޮލަރާ ގާތްކުރާ ކަމަށް ޕެންޓަގަނުން ހާމަކޮށްފިއެވެ.
ނަމަވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެހެން ވަސީލަތްތަކަށް ލިބުނު ގެއްލުން ހިމަނައިފިނަމަ މި އަދަދު މިއަށްވުރެ މާ ބޮޑުވާނެކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ކެޕިޓަލް ހިލްގައި ބޭއްވި ބަޖެޓް ކޮމިޓީގެ އަޑުއެހުމެއްގައި ހާމަކުރި މި އަދަދަކީ، މީގެ ދެ ހަފުތާ ކުރިން ޕެންޓަގަނުން އަންދާޒާކުރި އަދަދަށްވުރެ 4 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
2027 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 1.5 ޓްރިލިއަން ޑޮލަރުގެ ޑިފެންސް ބަޖެޓާ ގުޅޭގޮތުން ދިން ބަޔާނުގައި، ޕެންޓަގަންގެ ފައިނޭންސް ޗީފް ޖޫލްސް ހަރސްޓް ވިދާޅުވީ، އޭޕްރީލް 29 ގައި ހަނގުރާމައިގެ ޚަރަދު ހުރީ 25 ބިލިއަން ޑޮލަރުގައި ކަމަށެވެ. ނަމަވެސް، ހަނގުރާމައިގައި ހަލާކުވި ހަތިޔާރާއި ވަސީލަތްތައް މަރާމާތުކުރުމާއި އައު ކުރުމުގެ ޚަރަދުތައް ހިމެނުމުން މިހާރު އެ އަދަދު 29 ބިލިއަނަށް އަރާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އަޑުއެހުމުގައި ޑިފެންސް ސެކްރެޓަރީ ހެގްސެތް އާއި ޖޮއިންޓް ޗީފްސް ޗެއާމަން ޑެން ކެއިންއާ ވެސް ވަނީ ހަނގުރާމައިގެ ޚަރަދުތަކާ ބެހޭގޮތުން ސުވާލުކޮށްފައެވެ. ޑިމޮކްރެޓުންނާއި ހަނގުރާމައަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އީރާނުން ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތައް ހިމަނައިފިނަމަ ހަގީގީ ޚަރަދު މިއަށްވުރެ މާ ބޮޑުވާނެއެވެ.
ހައުސް އެޕްރޯޕްރިއޭޝަން ކޮމިޓީގެ އެންމެ އިސް ޑިމޮކްރެޓް މެންބަރު ރޯސާ ޑިލައުރޯ ސުވާލު ކުރެއްވީ، މިހާ ބޮޑު ޚަރަދެއް ކޮށްގެން އެމެރިކާއަށް ހާސިލުވީ ކޮން ކަމެއްތޯއެވެ. މީގެ އިތުރުން، ޑިމޮކްރެޓިކް ސެނެޓަރު މާކް ކެލީ އިންޒާރު ދެއްވި ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ޓޮމަހޯކް މިސައިލާއި ޕެޓްރިއަޓް އިންޓަސެޕްޓަރު ފަދަ މުހިންމު ހަތިޔާރުގެ ރިޒާވް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި މިތަކެތި އަލުން އުފައްދައި ރިޒާވް ފުރިހަމަ ކުރަން އަހަރުތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސެނެޓްގައި ވާހަކަދައްކަވަމުން ޕެޓީ މުރޭ ވިދާޅުވީ، އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ 228 އަށްވުރެ ގިނަ އިމާރާތާއި ވަސީލަތްތަކަށް ގެއްލުން ދީފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވާތީ، ސަރުކާރުގެ މި އަންދާޒާއަކީ ވަރަށް ބޮޑަށް ކުޑަކޮށްފައިވާ އަދަދެއް ކަމަށް ބެލެވޭ ކަމަށެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ހެގްސެތް ވިދާޅުވީ، ހަނގުރާމައިގެ ޚަރަދު ބޮޑުވި ނަމަވެސް، އީރާނުން ނިއުކްލިއަރ ހަތިޔާރު ހޯދައިފިނަމަ އެކަމުގެ ސަބަބުން ލިބޭނެ ގެއްލުމާއި ކުރަންޖެހޭނެ ޚަރަދު މިއަށްވުރެ މާ ބޮޑުވާނެ ކަމަށެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި މި ހަނގުރާމަ މިހާރު ހުއްޓާލާފައިވީ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ސުލްހަ ވަނީ ނާޒުކު ފަށެއްގައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނުން ހުށަހެޅި ސުލްހައިގެ އެންމެ ފަހުގެ ހުށަހެޅުން ބަލައިނުގަނެ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އޮތީ "ލައިފް ސަޕޯޓް" ގައެވެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!