ބާވެ ހަލާކުވުމުގެ ސަބަބުން ކުނޑިކޮށްފައިވާ ރަންދިހަފަހެއް ސީރީސްގެ ނޫޓުތަކުގެ ކުނޑި ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ހުޅުވާލާފައެވެ.
މި މުބާރާތަށް ރަޖިސްޓަރީވުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 މޭ 2026 ގެ ރޭގަނޑު 11:59 އެވެ.
އެމްއެމްއޭ އިން އިއުލާންކޮށްފައިވާ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ކުނޑިކޮށްފައިވާ ފައިސާއިން މާނަވީ އުފެއްދުންތަކެއް ތައްޔާރުކޮށްގެން އެއަށް އައު ދިރުމެއް ގެނެސްދިނުމެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކުނޑިކޮށްފައިވާ ނޫޓުތައް ބޭނުންކޮށްގެން އާޓްވޯކް ތައްޔާރުކުރުމާއި، ހަނދާނެއްގެ ގޮތުގައި ބެހެއްޓޭނެ "ސުވެނިއަރ" ފަދަ ތަކެތި ޑިޒައިންކޮށް އުފެއްދުމެވެ.
މި މުބާރާތުގެ ދަށުން އުފައްދާ ސުވެނިއަރތަކަކީ އެމްއެމްއޭ އިން ރަސްމީ ހަދިޔާގެ ގޮތުގައި ބޭނުންކުރެވޭނެ ފަދަ އުފެއްދުންތަކަކަށް ވާންޖެހެއެވެ. އަދި އާޓްވޯކް އުފެއްދުމުގައި ކުނޑިކޮށްފައިވާ ފައިސާއަކީ އެ އާޓްވޯކެއް އުފެއްދުމުގައި ބޭނުންކުރާ އަސާސީ މާއްދާއަށް ވާންވާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. މުބާރާތުން ހޮވާލެވޭ އެންމެ މޮޅެތި އުފެއްދުންތައް މިއަހަރުގެ ޖުލައި މަހު ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ދިވެހީންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި ވަކިވަކި ފަރުދުންނަށް، ޓީމުތަކަށް އަދި ވިޔަފާރިތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތްއިރު، ބޭނުންނަމަ ދެ ކެޓަގަރީގައި ވެސް ވާދަކުރެވޭނެއެވެ. މުބާރާތުގެ ދެ ކެޓަގަރީއަށް ވެސް ފައިސާގެ އިނާމުތަކެއް ކަނޑައެޅިފައިވާއިރު، ސުވެނިއަރ ޑިޒައިންކުރުމުގެ ބައިން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އެމްއެމްއޭއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން އެ ތަކެތި އުފެއްދުމުގެ ފުރުސަތު ލިބޭނެއެވެ.
މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ވެބްސައިޓުގައިވާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ފުރިހަމަކުރުމަށްފަހު currency.section@mma.gov.mv އަށް އީމެއިލް ކުރަންވާނެއެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުގައިވާ ގައިޑްބުކުން ލިބެން ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!