އޭނާގެ މަސައްކަތް އަބަދުވެސް ކުރަށްވަމުން ގެންދެވީ ޕީއެންސީގެ ފިކުރުގައި ކަމަށާއި، އެ ޕާޓީއަށް ރަސްމީކޮށް ސޮއިކުރެއްވީ، ޕީއެންސީ އަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕީއެންސީއަށް ރަސްމީކޮށް އިއްޔެ ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ސޮބާހް ވިދާޅުވީ، ޕާޓީގެ ފިކުރުގައި އަބަދުވެސް މަސައްކަތްކުރަމުން އައީ އެ ޕާޓީއާ އެކުގައި ކަމަށެވެ. އަދި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ އޭނާގެ މައިގަނޑު އެއް މަގުސަދު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސޮބާހް އިތުރަށް ވިދާޅުވީ، ރަށުގެ ތަރައްގީއާއި ގައުމުގެ ތަރައްގީއަށް ރައީސް ޑރ. މުޢިއްޒު ގެންނަވާ ހެޔޮ ބަދަލުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށެވެ. އަދި އިހަވަންދޫގެ ގިނަ ރައްޔިތުންވެސް އެ ބަދަލުތަކަށް ތާއީދުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
''ޕާޓީގެ ފިކުރުގައި އަބަދުވެސް މަސައްކަތްކުރަމުން އައީ އެއާއެކު ޕީއެންސީއާއިއެކު ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހެޔޮ ނިޔަތުގައި އަޅުގަނޑުމެން ޕީއެންސީއަށް ސޮއިކުރީ، އަދި ރަށުގެ ތަރައްގީ އާއި ގައުމުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންނަވާ ހެޔޮ ބަދަލުތަކަށް ވަރަށް ބޮޑު އަޅުގަނޑުމެން ތާއީދުކުރަން އަދި އިހަވަންދޫގެ ގިނަ ރައްޔިތުންވެސް މިކަމަށް ތާއީދުކުރަށްވާ، '' ސޮބާހް ވިދާޅުވިއެވެ.
ގައުމުގެ ކަންކަން އިސްލާހުކުރުމަށާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ބުރަ މަސައްކަތްޕުޅަށް ސޮބާހް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައީސްގެ ތަސައްވަރާ އެއްގޮތަށް ގައުމު ބިނާކުރުމުގައި ސާބިތުކަމާއެކު ދެމިހުންނާނެ ކަމަށެވެ.
ނިމުނު ލޯކަލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓް ދިނުމުގެ އުފެދުނު ޚިޔާލުތަފާތުވުންތަކަށްފަހު، ޝަރުތު ހަމަނުވާކަމަށް ނިންމައި ފުރުސަތު ނުދިން ބައެއް ބޭފުޅުންނާއެކު އިހަވަންދޫ ކައުންސިލްގެ މިހާރުގެ ރައީސް އަހްމަދު ސޮބާހް އިސްކޮށް ހުންނަވައި އިންތިޚާބުގައި ވާދަކުރީ ''ރައްޔިތުންގެ ޓީމު''ގެ ނަމުގައެވެ. މި ޓީމަށް ސަރުކާރުގެ ތާއީދު ފަހުން ދިންކަމަށް ބެލެވިފައިވާއިރު، އެއް ފިކުރެއްތެރެއިން ދެ ޓީމެއް އިންތިޚާބުގައި ވާދަކުރުމުން، ގޮނޑިއެއް ލިބުނީ ސޮބާހް ޓީމަށް އެކަންޏެވެ. އިއްޔެ ޕީއެންސީ އަށް ސޮއިކުރެއްވި އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރު މުހައްމަދު ފިރާޤަކީ ސޮބާހް ޓީމުގައި ހިމެނިގެން އިންތިޚާބު ކާމިޔާބުކުރެއްވި ބޭފުޅެކެވެ. މީގެ އިތުރު ޑަބްލިޔުޑީސީގެ ދެ ގޮނޑިވެސް އެ ޓީމަށް ލިބުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!