ހއ. ހޯރަފުށީ ކައުންސިލުން ތަރައްގީކުރި ''ރަށްމެދު މައިޒާން'' އާދީއްތަ ދުވަހުގެ ރޭ ހުޅުވައިފިއެވެ.

މ މައިޒާން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ދިމާކޮށް، އާދީއްތަ ދުވަހުގެ ރޭ 20:00 ގައި ރަށްމެދު ސަރަހައްދުގައެވެ.

Ad
rt

މި މައިޒާން ހުޅުއްވައިދެއްވީ އައިމާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އަބުދުލްއަަޒީޒް އެވެ.

ހޯރަފުށީ ރަށްމެދު މައިޒާން ހުޅުވުން، ފޮޓޯ: ކައުންސިލް

މި ރަސްމިއްޔާތުގައި 19 ވަނަ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) އާއި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު (ވައްޑެ) އާއި ކައުންސިލް މެމްބަރުންގެ އިތުރުން މުއައްސަސާތަކުންނާއި ޢާއިލާތަކުން ވެސް ބައިވެރިވެފަވެއެވެ.

މި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ރައީސް ވައްޑެ ދެއްކެވި ވާހަކާގައި ވަނީ އެ މައިޒާން ތަރައްގީކުރެވިފައިވާ ތަނުގެ ތާރީޚަށް އަލިއަޅުއްވާ ވާހަކަ ދައްކަވާފައެވެ.

''އަޅުގަނޑުމެން އެއްވެ މިތިބީ ވަރަށް ތާރީޚީ ތަނެއްގައި، އެއްވެ ތިބި މައިދާނަކީ އެ ދުވަސްވަރުގެ ހަގު ބޭކަލުންނާއި ވެރި ބޭކަލުން ވިދާޅުވާގޮތުންނަމަ މިނި އާލާކުރުމަށް މުޑި ޖެހިތަން ރަށްމެދު. ގޮދަން ފުށި ގިރަމުން ދިޔަ ދުވަސްވަރު އެއްބަޔަކު ބަދަލުވީ ހުވަހަންދޫ އަށް، އަނެއް ބަޔަކު ބަދަލުވީ ހޯރަ އަރާ އުޅުނު މި ފަސްގަނޑަށް، އާދެ މިހާރުގެ ހޯރަފުއްޓަށް، މި ރަށްމެދަކީ އެމީހުން ފުރަތަމަ މިރަށުގައި ދިރިއުޅެންފެށި ތާރީޚީ ސަރަހައްދު'' ވައްޑެ ވިދާޅުވެފަވެއެވެ.

ހޯރަފުށީ ރަށްމެދު މައިޒާނުގައި ކުޑަކުދިންތަކެއް، ފޮޓޯ: ކައުންސިލް

ވައްޑެ ވަނީ އެ ރަށް މެދަކީ ހޯރަފުށީގައި ދިރިއުޅުން އާލާވެގެން ދިޔަ ތަހުޒީބީ ބިންކޮޅުކަމަށް ވިދާޅުވެފަވެއެވެ. އަދި އެރަށް މެދަކީ ބޮޑު މައުލޫދު ކިޔުމާއި، ކޭމުގެ ޖާފަތްތަކާއި، މައުލޫދު ހަރުގެ އެޅުމާއި އަދި ނަކަތް މުޑި ޖެހި ބިންކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.

މި މައިޒާން ތަރައްގީކޮށްފައި ވަނީ ޕަބްލިކް ލައިބްރަރީއަކާއި، ދޫނި ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ އިންތިޒާމް ތަކާއެކު، ޢާއިލާތަކާއި ކުޑަކުދީންނަށް ހިތްފަސޭހަ މާހައުލެއްގެ ގޮތުގައެވެ.