ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކީ މިހާތަނަށް ދުވަހަކުވެސް ރާއްޖޭގައި ކޮށްފައިނުވާ ވަރުގެ ބޮޑު މަސައްކަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" އަކީ ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމުގެ ބަދަލުގައި، އެމީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. ބިދޭސީއަކީ ކާކުކަން އެނގި، އެމީހަކު އުޅޭ ތަނެއް ސާފުވުމަކީ އެމީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގެ ކާމިޔާބީއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު، ސަރުކާރާ ހަވާލުވިއިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު ނެގިފައި ހުރީ އެންމެ 13 އިންސައްތަ މީހުންގެ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގެ 2 އަހަރާއި ބައިގެ ތެރޭގައި 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ވަނީ ނަގާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ބިދޭސީންގެ ކަންކަން ބަލަހައްޓާފައިވަނީ އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ނަމަވެސް، މިހާރު މަސައްކަތް ކުރަމުންދަނީ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދުތައް

މި އޮޕަރޭޝަންގެ ދަށުން ސަރުކާރުން ހާސިލްކުރަން ބޭނުންވާ މައިގަނޑު ތިން ކަމެއް ރައީސް ފާހަގަކުރެއްވިއެވެ:

  • ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު (ފޮޓޯ އަދި 10 އިނގިލީގެ ނިޝާން) ނެގުން.
  • ސައްޚަ ވިސާއެއް އޮތް ނަމަވެސް، ހުއްދަ ނޫން މަސައްކަތްކުރާ ބިދޭސީން ހޯދައި ޑިޕޯޓްކުރުން.
  • ސައްޚަ ވޯކްޕާމިޓް ނުވަތަ ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުން.

މީގެ އިތުރުން، އޮޕަރޭޝަން ކުރަނގީގެ ދަށުން މައުލޫމާތު ނަގާފައިވާ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު، ޑީޕޯޓްކުރަންޖެހޭ ފަރާތްތައް ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އޮޕަރޭޝަން ކުރަނގީގެ ތިން ވަނަ ފިޔަވަހި މި މަހުގެ 9 ވަނަ ދުވަހު ފަށާފައިވާއިރު، ޓާސްކް ފޯސްއިން އެދުވަހު ކުރިއަށް ގެންދިއަ ޚާއްސަ އޮޕަރޭޝަންގައި 639 ތަނަކުން 1344 ބިދޭސީން ޗެކްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިވާކަމަށް ދާޚިލީ ވުޒާރާއިން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގެ ދަށުން ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދުމަށް ވަނީ ނިންމާފައެވެ.