ކީރިތި ޤުރުއާން ހިތުދަސްކޮށް ފުރިހަމަ ކާމިޔާބީއެއް ހޯދި، ށ. ފޯކައިދޫ، ރަނައުރާމާގެ ފާއިން ފަރުހާދު އަށާއި އޭނާގެ އާއިލާ އަށް އުފަންރަށް ފޯކައިދޫން އިއްޔެ ރަތްދޫލައިގެ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ހާފިޒުކަމުގެ މަތިވެރި ޝަރަފް ހާސިލްކުރި ފާއިން އާއި އޭނާގެ ޢާއިލާ އެ ރަށަށް ގޮސްފައިވަނީ ބުރާސްފަތިި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
ފާއިން އަށް ރަށުން ހޫނު މަރުޙަބާ އެއް ކިޔުމަށްޓަކައި ފޯކައިދޫ ކައުންސިލުން އިސްވެ އޮވެ ވަނީ ދުރާލާ ތައްޔާރުވެފައެވެ. މިގޮތުން ރަށުގެ ބަނދަރު ސަރަހައްދުގައި ރަތްދޫލަ އަޅައި، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ފާއިންއަށް މަރުހަބާ ކިޔުމަށް އެއްވެފައެވެ.
އަލްހާފިޒް ފާއިން އަށް ފޯކައިދޫން ހޫނު މަރުޙަބާއެއް ކިޔުން، ފޮޓޯ: ފޯކައިދޫ ކައުންސިލް
"ކިރިތި ޤުރުއާން ހިތުދަސް ކުރައްވާ ޙާފިޡް ކަމުގެ މަތިވެރި ޝަރަފް ހާސިލްކުރައްވާ ރަށާއި އަތޮޅަށް ރީތިނަން ހޯދައިދެއްވި އަލް ޙާފިޡް ފާއިން ފަރުހާދު އަދި ފާއިންގެ އާއިލާ ފޯކައިދޫއަށް ވަޑައިގަތުމުން ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވަން" ފާއިންގެ މި ކާމިޔާބީ އާއި ގުޅިގެން ފޯކައިދޫ ކައުންސިލުން ބުނެފަވެއެވެ.
ކައުންސިލުން އިތުރަށް ފާހަގަކުރި ގޮތުގައި ފާއިން ހޯއްދެވި މި މަތިވެރި ކާމިޔާބީއަކީ މުޅި ފޯކައިދޫއަށާއި ށ. އަތޮޅަށް ލިބުނު ނުހަނު ބޮޑު ރީތި ނަމަކާއި ފަހުރެކެވެ.
ފާއިންގެ އާއިލާ ރަށުގައި، ފޮޓޯ: ފޯކައިދޫ ކައުންސިލް
ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ހާއްސަ ރަތްދޫލައިގެ މަރުޙަބާއިން ހާމަވެގެންދަނީ މިފަދަ ދަރިންނަށްޓަކައި ރަށުގެ ރައްޔިތުން ފަހުރުވެރިވާ މިންވަަރެވެ.
މިފަދަ ދީނީ އިލްމުން ފުރިގެންވާ ހުނަރުވެރި ދަރިންނަކީ މުޖުތަމައުގެ ހަގީގީ ރައުސްމާލުކަން ފާހަގަކުރަމުން، ފާއިންއަށް އިތުރު ކާމިޔާބީއަށް ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!