ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތައް ރިޕޯޓްކޮށް، އެކަންކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި އަދާކުރަމުންދާ މުހިންމު ދައުރަށްޓަކައި، އދ. ގެ ޚާއްޞަ ރެޕަޓުއަރ ފްރާންސެސްކާ އަލްބަނީޒްއަށް ސްޕެއިން ސަރުކާރުން މަތީ ޝަރަފެއް އަރުވައިފިއެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ބުރާސްފަތި ދުވަހު އަލްބަނީޒްއަށް އަރުވާފައިވަނީ އެ ޤައުމުގެ މަދަނީ މަތީ ޝަރަފެއް ކަމަށްވާ "އޯޑަރ އޮފް ސިވިލް މެރިޓް" އެވެ.

Ad
rt

މި ޝަރަފަކީ ދައުލަތަށާއި މުޖުތަމަޢަށް އާދަޔާޚިލާފު ޚިދުމަތްތަކެއް ކޮށްދޭ ސްޕެއިންގެ ރައްޔިތުންނާއި ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެ މަތީ އެއް ޝަރަފެވެ.

މެޑްރިޑްގައި ބޭއްވި ރަސްމިއްޔާތެއްގައި ބޮޑުވަޒީރު ސަންޗޭޒް ވަނީ އަލްބަނީޒްއާ ބައްދަލުކުރައްވައި، ފަލަސްޠީނުގެ މަޝްރަޙާ ގުޅޭގޮތުންނާއި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ސްޕޭންގެ ސަރުކާރުގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ޣައްޒާގައި ހިންގާ އަނިޔާވެރިކަން ވަގުތުން ހުއްޓާލުމަށާއި، އިންސާނީ ކަރާމާތުގެ މައްޗަށް ބިނާވެފައިވާ ދާއިމީ ސުލްހައެއް ޤާއިމުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.

ސަންޗޭޒް ސޯޝަލް މީޑިއާގައި ވިދާޅުވީ، ދުނިޔޭގައި ހިނގާ މިފަދަ ކަންކަމަށް ފުރަގަސްނުދިނުމަކީ އަޚްލާޤީ ގޮތުން އޮތް މަޖުބޫރުކަމެއް ކަމަށެވެ. އަދި އަލްބަނީޒްއަކީ "ދުނިޔޭގެ (ޟަމީރު) ދަމަހައްޓާ އަޑު" ގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިޓަލީގެ ޤާނޫނީ މާހިރެއް ކަމަށްވާ އަލްބަނީޒްއަކީ 2022 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގެ އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ޚާއްޞަ ރެޕަޓުއަރއެވެ. އޭނާއަކީ އިސްރާއީލުން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ބޮޑަށް ފާޑުކިޔަމުންދާ އެއް ބޭފުޅާއެވެ.

އަލްބަނީޒްއާއި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަންގެ "ބްލޮކިންގ ސްޓެޓިއުޓް" ހިންގުމަށް އެދި ސަންޗޭޒް ވަނީ ޔޫރަޕިއަން ކޮމިޝަނަށް ސިޓީއެއްވެސް ފޮނުއްވާފައެވެ. އެމެރިކާގެ ފިޔަވަޅުތަކާ ގުޅޭގޮތުން އަލްބަނީޒް ވިދާޅުވީ، އެއީ ލާއިންސާނީ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ޢަމަލުތައް ހުއްޓުވަން ގޮވާލާ މީހުންގެ އަޑުކަނޑުވާލަން މަސައްކަތްކުރާ "ބައިނަލްއަޤްވާމީ މާފިއާއެއް" ފަދަ ބައެއް ކަމަށެވެ.

މީގެ އިތުރުން، ސްޕެއިންގެ ފޮރިން މިނިސްޓަރު ޖޯސޭ މެނުއަލް އަލްބަރޭސް ވަނީ އިސްރާއީލުން ސްޕެއިން-ފަލަސްޠީނު އެކްޓިވިސްޓެއް ކަމަށްވާ ސައިފް އަބޫކޭޝެކް ހައްޔަރުކޮށްފައި ހުރި ހުރުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަލްބަރޭސް ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން ކަމަށާއި، އެއީ އިސްރާއީލުގެ ބާރު ހިނގާ ސަރަޙައްދަކަށް ނުވާއިރު، އެއީ ޣައިރު ޤާނޫނީ ހައްޔަރެއް ކަމަށެވެ. މިކަމާ ގުޅިގެން ސްޕެއިންގައި ހުންނަވާ އިސްރާއީލުގެ ސަފީރު ހާޒިރުކޮށް، ސްޕެއިންގެ ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ.