ހޮރްމުޒް ކަނޑުއޮޅި ކައިރީގައި ބުރާސްފަތި ދުވަހު އެމެރިކާއާއި އީރާނުގެ އަސްކަރިއްޔާއާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން މިހާރު ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަޝްވަރާތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 'ޓްރުތް ސޯޝަލް' ގައި ވިދާޅުވީ މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ އަސްކަރީ ތިން މަނަވަރެއް އެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާގެ މަނަވަރުތަކަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި، ނަމަވެސް އީރާނުގެ ހަމަލާދިން ފަރާތްތަކަށާއި އެމީހުންގެ ކުދި ބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ދީ އެތަކެތި އެއްކޮށް ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި އީރާނުން ވަނީ ގިނަ އަދަދެއްގެ މިސައިލާއި، ޑްރޯން އަދި ކުދި ބޯޓުތައް ބޭނުންކޮށްގެން އެމެރިކާގެ މަނަވަރުތަކަށް ހަމަލާދީފައެވެ. މީގެ ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ބަންދަރު އައްބާސް އަދި ގޭޝްމް އައިލެންޑްގައި ހުރި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.
ނަމަވެސް އީރާނުގެ އަސްކަރިއްޔާއިން ބުނަނީ އެމީހުން ހަމަލާދިނީ އެމެރިކާއިން އީރާނުގެ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުމުން ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން ''އޭބީސީ'' ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށާއި، މިއީ ހަމައެކަނި ކުޑަ 'ލޯބީގެ ކޮއްޓުމެއް' ފަދަ ކަމެއް ކަމަށެވެ. އަދި އީރާނާއެކު ކުރެވޭ ސުލްހައިގެ މަޝްވަރާތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި، ނަމަވެސް އެއްބަސްވުމުގައި ސޮއިނުކޮށްފިނަމަ އީރާނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ.
އެސް އެންޑް ޕީ ގްލޯބަލް މާކެޓް އިންޓެލިޖެންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ހަމަލާތަކާ ގުޅިގެން ބުރާސްފަތި ދުވަހު ހޮރްމުޒް ކަނޑުއޮޅިން އެއްވެސް އުޅަނދެއް ދަތުރުކޮށްފައެއް ނުވެއެވެ. މިއީ މިދިޔަ މާރިޗު މަހުގެ ފަހުން ޖެހިޖެހިގެން ދެ ދުވަހު މި މުހިންމު ކަނޑުއޮޅީގެ ދަތުރުފަތުރު އެއްކޮށް ހުއްޓުނު ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ތެލުގެ 20 އިންސައްތަ ކުރިން ދަތުރުކުރަމުންދިޔަ މި މަގަކީ ބައިނަލްއަގުވާމީ އިގްތިސާދަށް ނުހަނު މުހިންމު މަގކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!