ވަކަރުގޭ ދަރީން ވާނީ ހަމަ، ވަކަރުގޭ ދަރީންނަށެވެ!

vakaruge

މީހަކަށް އަޅުގަޑުމެން ދޭ ޖާގަޔަކުން ނުވަތަ މަގާމަކުން ނުވަތަ ހަވާލުކުރާ ވަޒީފާއެއްގެ ސަބަބުން އެމީހާގެ ކަންކަމަށް ބަދަލު އަތުވެދާނެކަމަށް ގަބޫލުކުރެވުމަކީ ވެދާނެކަމެކެވެ. އެހެންނަމަވެސް، އެއީ މުޅިން ތެދެއް ނޫނެވެ. އިންސާނީތަޖުރިބާއިން ދައްކާ ހަގީގަތަކީ އެއީއެވެ.

އަޅުގަޑުމެންނަށް އާ ގާނޫނުއަސާސީން ލިބުނު މިނިވަންކަމާއި ގުޅިގެން އުންމީދުކުރެވުނު ތަހުޒީބާއި އެންމެބޮޑަށް ގުޅިފައިވާ އެއް ވިސްނުމަކީ މިއީއެވެ. އެހެންކަމުން، މިގާނޫނުއަސާސީގެ ދަށުން ބޭއްވި އިންތިޚާބުތަކުގައި މީހުން ހޮވުމަށް ވޯޓުދިނުމުގައި ރައްޔިތުންގެ ވިސްނުންހުރީ އިހުދެންނެވިގޮތަށް ކަމުގައި ފެނެއެވެ. އާދެ! މީހަކު އިންތިޚާބުކޮށް އެމީހާޔާއި މަގާމު ހަވާލުކުރުމުން، އެމަގާމަށް އެމީހާ އިންތިޚާބުކުރި މީހުންގެ ވިންދާއި ފިކުރަށް އިހްތިރާމްކުރާ އެމީހުންގެ އިހްސާސްތަކާއި ގުޅުވައިގެން ކަންކަންކުރާ މީހަކަށް އެމީހާ ވާނެކަމުގެ ވިސްނުމުގައެވެ. އެހެންކަމުން، ކުރިން ކުރެވިފައިވާ ތަޖުރިބާތަކަށްވުރެ، ރައްޔިތުން އިސްކުރީ އެމީހަކާމެދު ކުރެވޭ އުންމީދުތަކަށް ކަމުގައި ބެލެވެއެވެ.

އާ ގާނޫނު އަސާސީގެ ޑިމޮކްރަޓިކް ހަގީގަތް އެންމެބޮޑަށް ބަރޯސާވެފައި އޮތީ ޕާޓީ ނިޒާމަކަށް ކަމުގައިވުމުން، ރައްޔިތުން ވަކިމީހަކު އިންތިޚާބުކުރުމުގައި ބެލީ އެމީހަކު ނިސްބަތްވި ސިޔާސީ ފިކުރެވެ. އެއީ އަޅުގަޑު ގަބޫލުކުރާ ގޮތެވެ. (ދިވެހިރާއްޖޭގެ ސިޔާސީޕާޓީތައް ބޮޑަށް ބިނާވެފައި އޮތީ ފަލްސަފާ އަކަށްވުރެ ބޮޑަށް ސިޔާސީ މީހުންތަކެއްގެ މައްޗަށްކަން މިހެން ދަންނަވާއިރު ވެސް ގަބޫލުކުރަމެވެ.) މިއީ ރިޔާސީ އިންތިޚާބުގައި ވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް، އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައިވެސް ރައްޔިތުންގެ ފިކުރާއިވިސްނުން ހުރިގޮތް ކަމުގައި އަޅުގަޑަށް ވިސްނެއެވެ.

އެހެންނަމަވެސް، މިހާތަނަށް އައިއިރު ކުރެވިފައިވާ ތަޖުރިބާތަކުން، ރައްޔިތުންގެ މިވިސްނުން މުތާލިއާ ކުރަންޖެހޭކަން ރަގަޅަށް ދޭހަވެއެވެ. ރައްޔިތުންގެ ފަރާތުން ޕާޓީތަކުގެ އެތެރޭގެ މަގާމުތަކަށާއި ޕާޓީތަކުން ކުރިމަތިލާ ސިޔާސީމަގާމުތަކަށް ހޮވުނުހޮވުންތައް ފުރޮޅިގެންދާގޮތުގެ ހަގީގަތުގެ މައްޗަށް ބަލާލާއިރުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ގަނެވިއްކުމުގެ ތުހުމަތުތަކެއްކުރެވި، ބޮޑެތި ތަހުގީގުތަކެއް ވަނީ ކުރެވިފައެވެ. ރައްޔިތުން އިންތިޚާބުކުރި އިއްޒަތްތެރިމެމްބަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކުން، ކައުންސިލަރުންނަށް ހޮވޭ ފަރާތްތަކުން ގޮނޑި ކާމިޔާބުކުރުމަށްފަހު ޕާޓީބަދަލުކުރުން “ހަރާމްކުރި” ކަންވެސް ސާފުކޮށް ފެންނާން އޮތުމާއިވެސް އެކުގައެވެ. އަޅުގަޑުގެ ބުއްދިއަށް ފެންނަގޮގުތައި އެއިން ދައްކައިދެނީ އެބޭފުޅުން އަމިއްލަފުޅަށްވެސް އިންތިޚާބުވުމަށްފަހު، އިންތިޚާބުވާ މީހާގެ ކަންކަން ހުންނާނެގޮތަށް އިތުބާރު ނުކުރައްވާކަމެވެ. އިތުބާރު ނުކުރެއްވެނީ ކީއްވެކަން އެނގިވަޑައިގަންނަވާނީ ސީދާ އެބޭފުޅުންނަށެވެ.

ކުރިޔަށް އޮންނަ އިންތިޚާބުތަކުގައި ޕާޓީތަކުގެ މެމްބަރުންވެސް އަދި ރައްޔިތުންވެސް، މީހަކު ދައްކާ ޖޯޝާއި ވިންދަކަށްވުރެ ބޮޑަށް، އެމީހެއްގެ ފަސްބައި ބޮޑަށް ބަލާނެކަން ޔަގީނެވެ. އިތުބާރު ގެއްލިފައިވާތީ އެވެ. ގޮނޑި ކާމިޔާބު ކުރެވުމުން އެއީ ރައްޔިތުންގެ އެއްޗަކަށްވުރެ ތިމާ އަމިއްލަ އެއްޗެއްކަމުގައި ފެންނަގޮތް ތަޖުރިބާއިން ދައްކާތީއެވެ.

ވަކަރުގޭ ދަރީންވާނީ ހަމަ ވަކަރުގޭ ދަރީންނަށެވެ. ކޮންމެ ޕާޓީއެއްގެ ކޮންމެ ގޮނޑިއެއްގައި އިންނަމަވެހެވެ. އަމިއްލަ އެދުމާއި ޒާތީ މަސްލަހަތަށް ކަންކަން ކުރުމަށް އާދަވެފައި ހުރި މީހަކު، ކޮންމެފަދަ ވައުދުތަކެއްގެ މަތީގައި އިންތިޚާބުވި ނަމަވެސް، ވައުދުތަކުގެ ނަމުގައި ވެސް އިސްކަންދެވެން ހަމައުޅޭނީ ތިމާގެ އަމިއްލަ ޒާތީ މަސްލަހަތަށެވެ. މިއީ އިންސާނީތަޖުރިބާއިން ފެންނަން އޮތް ހަގީގަތެވެ.

އަޅުގަޑުމެންގެ ދަރީންނާއި ދަރީންގެދަރީންނަށް ތާހިރުދިރިއުޅުމެއް ހޯދާދެވޭނީ، ސުލޫކާއި އަޚުލާގީގޮތުން ރަގަޅު ނަމޫނާއެއް ދައްކާފައިވާ މީހުން ޕާޓީތަކާއި ގައުމުގެ ގޮނޑިތަކަށް އިންތިޚާބު ކުރެވިގެންނެވެ. ގޮނޑިޔަށް މީހަކު އިންތިޚާބުކުރުމަކުން އެގޮނޑީގައި އިންނަމީހެއްގެ ފަރާތުން ރައްޔިތުން ކުރާ އުންމީދުތަކެއް ހާސިލުނުކުރެވޭނެކަން ރައްޔިތުންނަށް އެނގިގެންނެވެ. ޕާޓީގެ މެމްބަރުންނާއި ރައްޔިތުން ގެ އުންމީދުތައް ހާސިލުކޮށްދީފައިތިބި އިލްމާއިހިލްމުގެ ގޮތުން ކަމަށް އެކަށީގެންވާ ގާބިލުމީހުން ގޮނޑިތަކަށް ގެނެވިގެންނެވެ. ގޮނޑިލިބުމަކުން އެމީހުންނެއް ބަދަލެއް ނުވާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *