ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާގައި ހުންނަ ހަކަތަ އުފައްދާ މަރުކަޒަކަށް ޑްރޯން ހަމަލާއެއް ދިނުމުގައި އީރާނުގެ ބައިވެރިވުމެއް އޮތް ކަމަށް ކުރާ ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފިއެވެ.
އީރާނުގެ ދައުލަތުގެ ޓީވީން ހޯމަ ދުވަހު ބުނި ގޮތުގައި، ޔޫއޭއީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާ ދިނުމުގެ އެއްވެސް ރޭވުމެއް އެ ގައުމުން ގެންގުޅެފައެއް ނުވެއެވެ.
ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާގައި އިންޑިއާގެ ތިން ރައްޔިތަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. މެދުއިރުމަތީގެ ހަނގުރާމައިގައި ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައި، އީރާނުން އާ ހަމަލާތަކެއް ދެމުންދާ ކަމަށާއި މިއީ ނުރައްކާތެރި ކުރިމަތިލުމެއްގެ ފެށުން ކަމަށް ޔޫއޭއީން ވަނީ ތުހުމަތުކޮށްފައެވެ.
ފުޖައިރާ ޕެޓްރޯލިއަމް އިންޑަސްޓްރީޒް ޒޯން (އެފްއޯއައިޒެޑް) އަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން ބޮޑު އަލިފާނުގެ ހާދިސާއެއް އިއްޔެ ހިނގާފައިވާއިރު، އެ ހަމަލާދިނުމާއެކު ޔޫއޭއީން ވަނީ އެ ހަމަލާ އީރާނުގެ ބޮލުގައި އަޅުވާފައެވެ. އީރާނުން މީގެ ކުރީން ހަމަލާތައް ދީފައި ވަނީ ދުރާލާ އެންގުމަށްފަހުގައި ކަމަށްވުމާއެކު، މި ހަމަލާއާއި ގުޅިގެން އެ ގައުމުން ކުރިން ވާހަކަ ދައްކާފައެއް ނުވެއެވެ.
ޔޫއޭއީން މި ތުހުމަތު އީރާންގެ ބޮލުގައި އަޅުވާފައި ވަނިކޮށް އީރާނުގެ އަސްކަރީ އޮފިޝަލަކު ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ ހަމާލާ އަކީ ހޮރްމޫޒް ކަނޑުއޮޅީގެ މަނާ ސަރަހައްދުތަކުން ބޭރުގެ އުޅަނދުފަހަރު ގަވާއިދާ ހިލާފަށް ދަތުރުކުރުމަށް މަގުފަހިކުރުމަށް އެމެރިކާ ސިފައިން ހިންގި "އަސްކަރީ އެޑްވެންޗަރިޒަމް" އެއްގެ ނަތީޖާ ކަމަށެވެ. އަދި މިކަމުގެ ޒިންމާ އެމެރިކާގެ އަސްކަރިއްޔާއިން އުފުލަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޑިޕްލޮމެޓިކް މަރުހަލާތަކުގައި ބާރުގެ ބޭނުންކުރުމުގެ ހުތުރު އަމަލުތައް އެމެރިކާގެ އޮފިޝަލުން ހުއްޓާލަންޖެހޭ. ދުނިޔޭގެ އިގްތިސާދަށް އަސަރުކުރާ މިފަދަ ނާޒުކު ތެޔޮ ސަރަހައްދުގައި ހިންގާ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން،" އީރާނުގެ އޮފިޝަލް ވިދާޅުވިއެވެ.
މި ހަމަލާގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގަލްފް ސަރަހައްދުގައި ތާށިވެފައިވާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް އެހީތެރިވުމުގެ ގޮތުން، ވަކި ފަރާތަކަށް ނުޖެހޭ ގައުމުތަކުގެ އުޅަނދުފަހަރު އެ ސަރަހައްދުން ބޭރަށް ނެރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިއުލާނު ކުރައްވާފައެވެ. ނަމަވެސް، އެމެރިކާގެ މަނަވަރުތައް ގަލްފަށް ވަނުމާއެކު، އީރާނުގެ ކަނޑުގެ ސިފައިން ވަނީ އެމެރިކާގެ މަނަވަރުތަކަށް އަމާޒުކޮށް ހޮރްމޫޒް ކަނޑުއޮޅީގައި އިންޒާރުގެ ހަމަލާތަކެއް ފޮނުވާފައެވެ.
ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގެ ސިފައިން ވަނީ އީރާނުގެ އަސްކަރީ ހަތް ކުދި ބޯޓެއް ވައްޓާލާފައެވެ. އެމެރިކާގެ އެޑްމިރަލަކު މީގެ ކުރިން ވިދާޅުވީ ހަ ބޯޓު ހަލާކުކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، އީރާނުން ވަނީ އެ ގައުމުގެ އެއްވެސް އުޅަނދެއް އަޑިއަށް ގޮސްފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ.
ވަކި ފަރާތަކަށް ނުޖެހޭ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ޔޫއޭއީގެ ތެލުގެ މަރުކަޒަށް މި ހަމަލާ ދިނީ އީރާން ނޫންކަމަށް ވުން އެކަށީގެންވެއެވެ. އަދި މި ހަމަލާ އަކީ އީރާނާއި ދެކޮޅަށް އަސްކަރީ ޢަަމަލު ހިންގަން ހަމަލާ ދިނުމަށްފަހު އީރާންގެ ބޮލުގައި އެކަން އަޅުވައި، ހުއްޖަތެއް ދެެއްކުމަށް އެމެރިކާ އާއި އިޒްރޭލުން ރާވައިގެންކޮށްފައިވާ ކަމެއް ކަމަށް އެފަރާތްތަކުން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!