މިއަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭވެހޭ މިންވަރު އިތުރުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މިކަން ހާމަކުރީ ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ މޫސުން ލަފާކުރާ ގޮތުގެ ރިޕޯޓު އާންމުކުރަމުންނެވެ.

Ad
rt

މެޓް އޮފީހުން ބުނި ގޮތުގައި، އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް މި ދުވަސްވަރު ވެހޭ މިންވަރަށް ވުރެ އިތުރަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

މި ފޯކާސްޓާ ގުޅޭގޮތުން މެޓް އޮފީހުން ބުނީ، މި ލަފާކުރުންތައް ތައްޔާރުކޮށްފައިވަނީ ނިމިދިޔަ އެޕްރީލް މަހުގެ މޫސުމީ ހާލަތަށާއި، މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ އެކި ސަބަބުތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ. މިއީ ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ޖުމްލަކޮށް ވާރޭވެހޭނެ މިންވަރާއި ފިނިހޫނުމިން ހުންނާނެ ގޮތުގެ އަންދާޒާއެކެވެ.

ކުރިއަށް އޮތް މަސްތަކުގެ މޫސުން ލަފާކުރި ނަމަވެސް، މަހުން މަހަށް އަންނަ ބަދަލުތައް ވަކިވަކި މަސްތަކަށް ލަފާކުރާ މޫސުމީ ރިޕޯޓުތަކާއެކު އަދާހަމަކުރަމުންދާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން، މޫސުމަށް އަންނަ ބަދަލުތަކަށް އާންމުން ސަމާލުވުމަށް އެ އޮފީހުން އިލްތިމާސްކުރެއެވެ.

ދިވެހިން އިހު ކިޔާގޮތަށްނަމަ މި ދުވަސްވަރަކީ ''ޖުންޖުލައި''ގެ ވިއްސާރަ ލައިގަންނަ ދުވަސްވަރެވެ.