ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ނޫސްވެރިންނަށް ދެއްވާފައި ވަނީ މި ގައުމުގެ އެހެން އެއްވެސް ޕްރޮފެޝަނަކަށް ނުދެއްވާ ފަދަ މުހިންމު ފުރުސަތެއް ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޑރ. ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއް ހިއްސާކުރައްވަމުންނެވެ. ޑރ. ޢަލީ ޝަރީފް ވަނީ ނޫސްވެރިންނަށް ލިބިފައިވާ މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާފައެވެ.

Ad
rt

''ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ގައުމުގެ ނޫސްވެރިންނަށް ދެއްވާފައި ވަނީ މި ގައުމުގެ އެހެން އެއްވެސް ޕްރޮފެޝަނަކަށް ނުދެއްވާ ފަދަ މުހިންމު ފުރުސަތެއް، ހެޔޮގޮތުގައި ބޭނުންކުރަށްވާ'' މިނިސްޓަރު ވިދާޅުވެފަވެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސަރުކާރުން އަބަދުވެސް މިނިވަން ނޫސްވެރިކަމަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ޑިމޮކްރެޓިކް ވެރިކަމެއް ދެމެހެއްޓުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށާއި، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމުގައި ނޫސްވެރިކަމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުސަތު ފުޅާކުރުމާއި، މީޑިއާގެ ދާއިރާއަށް އިންވެސްޓްކުރުމާއި، އާންމުކޮށް ހުޅުވާލެވިފައިވާ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ތެރެއިން ނޫސްވެރިކަމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ސަބަބުން ސަރުކާރުގެ ދެފުށް ފެންނަ މިންވަރު އިތުރުވެ، ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނޫސްވެރިން ކުރާ ހިތްވަރުގަދަ މަސައްކަތަށް ތައުރީފް ކުރަށްވަމުން ރައީސް ވަނީ، ހުރިހާ ނޫސްވެރިންވެސް ލިބިފައިވާ މިނިވަންކަމުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަށް ގޮވާލައްވާފައެވެ. އެގޮތުން ތެދުވެރިކަމާއި، ވަކި ފަރާތަކަށް ނުޖެހި، އަދި އަޚުލާގީ މިންގަނޑުތަކުގެ ތެރެއިން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.