ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ދެމެހެއްޓުމުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ 9 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބުދުއްރަހީމް ވަނީ އެ ކުންފުނީގެ ވެރިންނަށާއި މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ވަރުގަދަކުރުމުގައި ޕީއެސްއެމްގެ ދައުރު ބޮޑުކަމަށެވެ.
ޚާއްޞަގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަގުތުން ދުރަށް ދެއްކުމާއި، މަޖިލީހުގެ ޚަބަރާއި މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ޕީއެސްއެމް އިން ދޭ ސަމާލުކަން އަބުދުއްރަހީމް އުފަލާއެކު ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކަށްޓަކައި އޭނާ ވަނީ މުއައްސަސާއަށް ޝުކުރު އަދާކުރައްވާފައެވެ.
ޕަބްލިކް ސަރވިސް މީޑިއާގެ ދަށުން ހިންގާ "ޕީއެސްއެމް ނިއުސް" ޗެނަލަކީ ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި 24 ގަޑިއިރު ޚިދުމަތްދޭން ފެށި ފުރަތަމަ ޓީވީ ޗެނަލެވެ. މި ޗެނަލް އުފައްދައި ޚިދުމަތް ދޭން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މޭމަހުގެ 3 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!