އެމްޑީޕީގެ ޗެއާޕާސަން ހޮވުމާއި ގައުމީ މަޖިލީހުގެ އިންތިހާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފިއެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގޫރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި، އިންތިހާބު ފަސްކުރަން ހުށަހެޅި މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ޣަފޫރު ފާހަގަކުރެއްވީ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމާއި ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތަށް ހުރަސް އެޅުނު ނުދިނުމެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދެ އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަަހަތު ގެއްލި، އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީކުރުވަން ކުރާ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެދާނެއެވެ.
މީގެ އިތުރުން، އިންތިހާބު ފަސްކުރަން ޖެހޭ ދެވަނަ ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ އިންތިހާބު ބާއްވާނެ ފައިސާ ޕާޓީގައި ނެތުމެވެ. މި އަހަރު ސަރުކާރުން ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން އެމްޑީޕީއަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް މިހާތަނަށް ލިބިފައިނުވާކަން ޣަފޫރު ވިދާޅުވެފަވެއެވެ. އެހެންކަމުން ޕާޓީ ހިންގުމަށާއި އިންތިހާބު ބޭއްވުމަށް ބޭނުންވާ މާލީ ތަނަވަސްކަން މިވަގުތު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާލަތާ ގުޅިގެން ޕާޓީ ހިންގުމަށްޓަކައި އިންޓަރީމް އެރޭންޖްމަންޓެއްގެ ދަށުން ކުރިއަށްދިއުމަށް ގައުމީ މަޖިލީހަށް ހުށަހެޅުމަށް ޣަފޫރު ވަނީ އެދިވަޑައިގެންފައެވެ.
ޗެއާޕާސަންކަމަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބު ކުރިން ތާވަލުކޮށްފައި އޮތީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ގަޕޯގެ މި ހުށަހެޅުމާއި ގުޅިގެން މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީގެ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ އޭނާ އަދި މިޕާޓީގެ އެއްވެސް މެންބަރެއްވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
''ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭ. ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބާ ނުކުޅުއްވާ، ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރައްވާ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މިތިބީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް'' މީކާއީލް ވިދާޅުވެފަވެއެވެ.
އިންތިހާބު ފަސްކުރުމާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ގައުމީ މަޖިލީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!