ހޯމް މިނިސްޓަރު އަލީ އިހްސާނަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ރުހުން ދެއްވުމަށް ވޯޓު ދެއްވުމަކީ، ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށާއި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދު އޮތްކަން ހާމަވާ ކަމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިޙްސާނަށް އެމްޑީޕީން ތާއީދުކޮށް ވޯޓު ދެއްވުމުން، ދިވެހި ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް އެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައިދެއްވުމަށާއި ބިދޭސީންގެ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދު އޮތްކަން ވަރަށް ސާފުކޮށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި، އެމްޑީޕީގެ 12 މަޖިލިސް މެމްބަރުންގެ ތެރެއިން 10 މެމްބަރަކު ވަނީ މިނިސްޓަރު އިހްސާނަށް ރުހުން ދެއްވުމަށް ވޯޓު ދެއްވާފައެވެ.
"އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިފަދަ ހެޔޮވިސްނުން އެމްޑީޕީ ގެ މަޖިލިސް މެމްބަރުންގެ ވިސްނުންފުޅަށް އައުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް. ސިޔާސީ މަސައްކަތުގައި މިކޮލިޓީ ހުންނަންވާނެ،" ޝުޖާއު އިތުރަށް ވިދާޅުވެފަވެއެވެ.
ޝުޖާޢު ވަނީ މި ނިންމުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރު އިހްސާނަށް އެމްޑީޕީގެ ޕީޖީގެ 10 މެމްބަރަކު ވޯޓު ދެއްވުމުން އެމްޑީޕީގެ ތެރޭގައި ފާޑުކިޔުމުގެ ބިޔަ ރާޅާއި ގުޅިގެން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މެމްބަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!