މާލޭގެ ގެއެއްގައި ޒުވާން އަންހެނަކު މަރާލި މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށް ކުރާ ދައުވާގައި, މަރާލުމުގައި ބޭނުންކުރި ވަޅިތަކާއި ލައިގެން ތިބި އަންނައުނުތައް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ގެންގޮސް ދައްކައިފި އެވެ.
އޮގަސްޓް، 2022 ގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދަށް ބޮޑެތި އަނިޔާތަކެއް ދީގެން އޭނާ މަރާލި ކަމަށް ބުނެ ސާހިލްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އޮތީ ސިއްރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ހަމަލާގައި ބޭނުންކުރި ކަމަށް ތުހުމަތުވާ ތިން ވަޅިއަކާއި ސާހިލްގެ ޓީޝާޓަކާއި ސޯޓަކާއި ހެދުމަކާއި އިތުރު މާއްދީ ހެކިތައް ވެސް ކޯޓަށް ގެނެސް މިއަދު ދެއްކުމަށްފަހު އެ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކި ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ހުލާސާ ބަޔާން ހުށަހަޅާ ގޮތަށް ކުރިން ހަމަޖެއްސި ނަމަވެސް ރައްކާތެރިކޮށްފައިވާ ހެކިތަކެއް ބަލަން ސާހިލްގެ ފަރާތުން އެދުމުން އެ ފުރުސަތު މިއަދު ދީފައިވާތީ ހުލާސާ ބަޔާން ހުށަހެޅުން ވަނީ ފަސްކޮށްފަ އެވެ.
އެ މައްސަލާގައި ސާހިލްގެ މައްޗަށް ކުރާ ފަސް ދައުވާއެއްގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، ސާހިލް ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!