ޅ. ނައިފަރު ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ވެލި އެޅުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން ނައިފަރަށް 44.8 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެމްޓީސީސީން ބުނި ގޮތުގައި، ބިން ހިއްކުމަށް ވެލި އެޅުމުގެ %95 މަސައްކަތް އަދި މުޅި މަޝްރޫޢުގެ ޖުމްލަ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ބިން ހިއްކުމުގެ އިތުރުން، ހިއްކި ސަރަޙައްދު ޙިމާޔަތް ކުރުމުގެ ގޮތުން 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި ލުމުގެ އިތުރުން 474 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ނައިފަރަކީ ސަރުކާރުގެ އަރބަން ސެންޓަރުތައް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން ހިމެނޭ ރަށަކަށް ވުމާއެކު، އެރަށް ސަރަޙައްދީ ފެންވަރުގައި ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢު ވަނީ ފުޅާކޮށްފައެވެ. ކުރިން 21 ހެކްޓަރު ހިއްކުމަށް އޮތް ނަމަވެސް، ފަހުން ވަނީ 44.8 ހެކްޓަރަށް ބިން ހިއްކާ މިންވަރު އިތުރުކޮށްފައެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނައިފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އެމްޓީސީސީއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެއް އަހަރާއި ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 679 މިލިއަން ރުފިޔާ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!