ހއ. އުތީމު ''އުތީމު ބަންޑާރައިންގެ މިސްކިތް'' ހުރިތަނުގައި އިސްލާމީ މަރުކަޒެއް އެޅުމަށް އެ މިސްކިތް ތަޅާލާތީ އެރަށުގައި ވަގުތީ މިސްކިތެއް އެޅުމަށް ނިންމައި އެ މިސްކިތް އަޅައިދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ.
އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، އެރަށުގައި އިސްލާމީ މަރުކަޒެއް އެޅުމަށް ސަރުކާރުން ނިންމައި، މިހާރު ބަޔަކާއި އެ މަޝްރޫޢު ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މިސްކިތަކާއި އެކު އަޅާ އެ އިސްލާމީ މަރުކަޒު އަޅަން ނިންމާފައިވަނީ އެރަށުގެ އުތީމު ބަންޑާރައިންގެ މިސްކިތް ހުރިތަނުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަބުދުﷲ ރަޝީދު ވިދާޅުވީ އުތީމު ބަންޑާރައިންގެ މިސްކިތަކީ މިހާރު ވިއްސަކަށް އަހަރުވެފައިވާ މިސްކިތެއްކަމަށެވެ. އަދި އެ މިސްކިތް ހުރީ ވަރަށް ބޮޑަށް މަރާމާތަށް ވެސް ބޭނުންވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
''މިސްކިތެއް ހިމެނޭހެން އެ މިސްކިތް ހުރިތަނުގައި އިސްލާމީ މަރުކަޒެއް އަޅަން ސަރުކާރުން ވަނީ ނިންމައި އެ މަސައްކަތް ބަޔަކާއި ހަވާލުވެސް ކޮށްފައި، އެހެންވެ އެ މިސްކިތް ތަޅާލުމަށް މިރަށުގައި ވަގުތީ މިސްކިތެއް އަޅައިދޭނެ ބަޔަކު ހޯދަން ކައުންސިލުން މިހާރު ވާނީ ޢިއުލާން ކޮށްފައި'' ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.
ވަގުތީ މިސްކިތް ވެސް އަޅަން ނިންމާފައި ވަނީ އުތީމު ބަންޑާރައިންގެ މިސްކިތް ހުރިތަނާއި ކައިރީ ހުސް ބިމެއްގައެވެ. އަޅަން ނިންމާފައި ވަނީ 350 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އެރަށުގައި އިތުރު މިސްކިތެއް ވެސް ހުރެއެވެ. އެއީ ''ކަނދުވަލު މިސްކިތް'' ނަމުން މަޝްހޫރު ކުޑަ މިސްކިތެކެވެ.
އުތީމުގައި ވަގުތީ މިސްކިތެއް އެޅުމަށް، އެ މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު، ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށް ފަހު 2026 މެއި 05 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން info@utheem.gov.mv އަށް އީމެއިލް ކުރަންޖެހެއެވެ. އަދި މި މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 2026 މެއި 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި ހއ.އުތީމު ކައުންސިލްގެ އިދާރާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!