ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް، އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ހުޅުވާލައިފިއެވެ.

މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު 2026 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

Ad
rt

މި ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އީމެއިލް ކުރާ ތަރުތީބުން އިސްކަންދީގެން ޖުމްލަ 10 މީހަކަށެވެ.

މި ހަރަކާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ. ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު media@police.gov.mv އަށް އީމެއިލް ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މަސްތުވާތަކެތި ނައްތާލުމުގެ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2024 އޭޕްރީލް 27 ވަނަ ދުވަހުގެ މެންދުރުފަހު ކ. ދޫނިދޫގައެވެ.

މިއީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މަސްތުވާތަކެތި ނައްތާލުމުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.