މާލޭގެ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމެންޓު ފަހެއްގައި ހިމެނޭ ސަރަހައްދުގެ މުހިންމު މަސައްކަތްތައް ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ސެގްމަންޓް ފަހެއް ގެ މަސައްކަތްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތާއި، ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.
މިހާރު ކުރިއަށްދަނީ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި، އެއްގަމު ތޮށީގެ ކާބްސްޓޯން ޖެހުމާއި، ކޭބަލް ޖަންކްޝަންތައް ހެދުމުގެ އިތުރުން ފެން ހިންދާ ކަޗްޕިޓްތައް ބެހެއްޓުމުގެ މަސައްކަތެވެ. މި މަސައްކަތްތައް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
މަޝްރޫއުގެ ތާވަލާ އެއްގޮތަށް އަންނަ ހަފުތާގައި އާ ފިޔަވައްސެއްގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަގުގެ ސަބް-ބޭސް ތައްޔާރުކުރުމާއި، އޭ.ބީ.ސީ ފަށަލަ އެޅުމުގެ އިތުރުން ތާރު އެޅުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެއެވެ. މީގެ އިތުރުން ސެގްމަންޓް 2، 3 އަދި 4 ގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާއިރު، މިހާތަނަށް ޖުމްލަ 243 މީޓަރު ނުވަތަ 47 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް، މަގުގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ނިމުމުން މާލޭގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އައު ފަރުމާގެ ދަށުން މަގު އިތުރަށް ފުޅާކުރުމަށްޓަކައި ގާތްގަނޑަކަށް 6 މީޓަރު ބޭރަށް ޖައްސައި، ހަތަރު ލޭނަށް މަގު ބަދަލުކުރެވިގެންދާނެއެވެ. މިއީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!