ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށާއި، މި މައްސަލައަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ޙައްޖުގެ ކިއު ދިގުދެމިގެންދިއުމުގެ ސަބަބުން ދިމާވެފައިވާ ބައިނަލްއަޤުވާމީ މައްސަލައެއްކަމަށް އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

ވަޒީރު ވިދާޅުވި ގޮތުގައި، ޙައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މުހިއްމު ނިންމުންތަކެއް ވަނީ ނިންމަވާފައެވެ. އެގޮތުން 65 އަހަރުން މަތީގެ މީހުންނަށް ޚާއްސަ އިސްކަން ދިނުން ހިމަނައި، މިހާރު އެ އުސޫލަށް ޢަމަލުކުރަން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ރާއްޖެއިން ޙައްޖުވެރިންނަށް ދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރަމުންދާކަން ފާހަގަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، މިނާއާއި ޢަރަފާތުގައި މީގެ ކުރިން ޙައްޖުވެރިންނަށް ނުލިބޭ ފަދަ ފުރިހަމަ ޚިދުމަތްތަކެއް މިހާރު ލިބެމުންދާ ކަމަށެވެ. މީގެ އިތުރުން، މައްކާއިން މަދީނާއަށް ކުރާ ދަތުރު ހައި ސްޕީޑް ރޭލުގައި ކުރުމާއި، 'މައްކާ ރޫޓު' ގެ ފަސޭހަ ޚިދުމަތް ހޯދައިދިނުމަކީ ކުރެވުނު މުހިއްމު މަސައްކަތްތަކެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މި މަސައްކަތްތައް ކުރިއަށް ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަންކަން ތަންފީޒުކުރުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ދޭންޖެހޭ އެންމެހާ އެހީތެރިކަމެއް އެންމެ މަތީ ދަރަޖައަށް ދެއްވާނެކަމުގެ ޔަޤީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

ވަޒީރުގެ ވާހަކާގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންގެ އިތުރުން އެޤައުމުގެ ޙައްޖު މިނިސްޓްރީން ދިވެހި ޙައްޖުވެރިންނަށް ބަހައްޓަވާ ޚާއްސަ އޯގާތެރިކަމާއި ދެއްވާ ސަމާލުކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވަމުންނެވެ.