މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދެމުން އަންނަ ޚިދުމަތްތައް ވަގުތީ ގޮތުން "މޯލްޑިވްސް ޕޯސްޓް - ސަރވިސް ސެންޓަރ" އަށް ބަދަލުކުރެވިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
މި ބަދަލަކީ މާލޭގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، ޕޯސްޓް ބިލްޑިންގ ކުރިމަތީ އޮންނަ ބޮޑުތަކުރުފާނުގެ މަގު ބަންދުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.
މިހާރު ޕޯސްޓުގެ ޚިދުމަތްތައް ދެމުން ގެންދާނީ މ. އައިރިސް، އޯކިޑް މަގު، ގްރައުންޑް ފްލޯގައެވެ. މިތަން ހުންނާނީ ޖަސްޓިސް ބިލްޑިންގގެ ސީދާ ކުރިމައްޗަށް ވާގޮތަށެވެ. މިތަނަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މި ބަދަލުގެ ސަބަބުން ޕޯސްޓްގެ ޚިދުމަތްތައް ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ސަރވިސް ސެންޓަރުން ޚިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި ހަފްތާގެ އެހެން ދުވަސްތަކުގައެވެ. ޚިދުމަތް ދޭ ވަގުތަކީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށެވެ.
މި ސެންޓަރުން ޕޯސްޓް ކުރުމުގެ ޚިދުމަތާއި، ޕާރުސަލް ހަވާލުކުރުމާއި، އަދި ޕޯސްޓުން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް ވެސް ލިބެން ހުންނާނެއެވެ. ކުންފުނީގެ މައި އިދާރާ ކުރިމަތިން މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މި ބަދަލުގެ ސަބަބުން އާންމުންނަށް ލިބޭ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!