ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ކުރަން ފެށި ހަނގުރާމައަށްފަހު، އިސްރާއީލަށް ދަތުރުތައް އަލުން ފެށި ބައިނަލްއަގުވާމީ ފުރަތަމަ އެއާލައިންތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ދެ އެއާލައިނެއް ހިމެނިއްޖެއެވެ.
ހުޅަނގުގެ މީޑިއާއިން މިކަން ސިފަކޮށްފައި ވަނީ ''މިއީ ތާރީޚީ އަބްރަހަމް އެކޯޑްސްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާއި ބަދަހިވަމުންދާ ގުޅުން ހާމަކޮށްދޭ މުހިންމު ނިންމުއްގެ'' ގޮތުގައެވެ.
އަބޫދާބީގެ ފްލެގް ކެރިއަރ ކަމަށްވާ އިއްތިހާދު އެއާވޭސް އާއި ލޯ-ކޮސްޓް އެއާލައިން ފްލައިދުބާއީ އިން އިސްރާއީލްގެ ތެލް އަވީވަށް ދަތުރުތައް ފެށުމާއެކު، މި އެއާލައިންތައް މިވަނީ އަދިވެސް ދަތުރުތައް ނުފަށާ އޮތް ޔޫރަޕާއި އެމެރިކާގެ ބޮޑެތި އެއާލައިންތަކަށްވުރެ ކުރިއަރާފައިކަމަށް އިސްރާއީލް ޕްރޮމޯޓްކުރާ ހުޅަނގުގެ މީޑިއާތަކުން ބުނެފަވެއެވެ.
ގުދުސްގެ ޒަޔަންޓުއާސްގެ ސީއީއޯ މާކް ފެލްޑްމަން ހޯމަ ދުވަހު "ޖޭއެންއެސް" އަށް މައުލޫމާތު ދެމުން ބުނީ، ފްލައިދުބާއީ އާއި އިއްތިހާދު އެއާވޭސް އަކީ ތަލް އަވީވަށް އެނބުރި އައި ފުރަތަމަ ބޭރުގެ އެއާލައިންތަކުގެ ތެރޭގައި ހިމެނުމަކީ، އިސްރާއީލުގެ އިގްތިސާދަށް އެ އެއާލައިންތަކުން ކުރާ އިތުބާރާއި، އިސްރާއީލުގެ ރައްޔިތުންގެ މެދުގައި އެ ދެ އެއާލައިނަށް އޮތް ބޮޑު މަގުބޫލުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ބައިނަލްއަގުވާމީ އެއާލައިންތަކުން އިސްރާއީލަށް ކުރާ ދަތުރުތައް މަދުވުމާއި، ޑިމާންޑް ބޮޑުވުމުގެ ސަބަބުން އިސްރާއީލުގެ އަމިއްލަ ހަތަރު އެއާލައިނެއްގެ އަގުތައް އުފުލިފައިވާ ދަނޑިވަޅެއްގައި، އެމިރޭޓްސްގެ މި ދެ އެއާލައިނުން ދަނީ އިރުމަތީ އޭޝިއާ އާއި އެމެރިކާއަށް ދަތުރުކުރާ ފަރާތްތަކަށް އެމީހުންގެ ކަނެކްޓިން ފްލައިޓްތައް ވަރަށް ބޮޑަށް އިޝްތިހާރު ކުރަމުންނެވެ.
2020 ވަނަ އަހަރުގެ އެކުލަވާލި އަބްރަހަމް އެކޯޑްސްގައި ސޮއިކުރި ފުރަތަމަ ގައުމަކީ އެކުވެރި އަރަބި އިމާރާތެވެ. މި އެއްބަސްވުމުގެ ދަށުން އަރަބި ހަތަރު ގައުމަކުން ވަނީ އިސްރާއީލާއެކު ސުލްހަ ގާއިމުކޮށްފައެވެ. ހަނގުރާމަ ފެށުނު ފަހުން ދެ ގައުމުގެ ދެމެދުގައި އޮތް ސަލާމަތީ ގުޅުން ވެސް ވަނީ އިތުރަށް ބަދަހިކޮށްފައެވެ. އީރާނުން ދިން މިސައިލް އަދި ޑްރޯން ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ އެއާޕޯޓްތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހުނު ނަމަވެސް، މި ގުޅުމަށް ބުރުލެއް އަރާފައެއް ނުވާކަމަށް ހުޅަނގު މީޑިއާތަކުން ބުނެފަވެއެވެ.
އިސްރާއީލުގެ އޮފީރް ޓުއާސްގެ ޑެޕިއުޓީ ޗެއާމަން ޔޯނީ ވަކްސްމަން ބުނި ގޮތުގައި، ހަނގުރާމައިގެ ކުރިން ވެސް އެމިރޭޓްސް އަކީ އިސްރާއީލު މީހުންގެ މެދުގައި ފަތުރުވެރިކަމާއި ވިޔަފާރީގެ ގޮތުން އެންމެ މަގުބޫލު އެއް މަންޒިލެވެ.
"މި ރޫޓުތައް އަލުން ފެށުމުން، ކުރިން އޮތް ބޮޑު ޑިމާންޑް ވަރަށް އަވަހަށް އިއާދަވާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އިސްރާއީލުގެ އެޝެޓް ޓުއާސްގެ ވައިސް ޕްރެޒިޑެންޓް ޝާލީ ކޯހެން އޯކަބީ ފާހަގަކުރި ގޮތުގައި، އެހެން ގައުމުތަކުގެ އެއާލައިންތަކުން ތަކުރާރުކޮށް ދަތުރުތައް ކެންސަލްކުރަމުންދާ ދަނޑިވަޅެއްގައި، އެމިރޭޓްސްގެ އެއާލައިންތަކުން ދައްކުވައިދޭ ސާބިތުކަން "ވަރަށް ވަރުގަދަ" އެވެ. 7 އޮކްޓޯބަރު 2023 ގައި ގާޒާ ހަނގުރާމަ ފެށުނު ފަހުން ވެސް އިސްރާއީލަށް ދަތުރުކުރި މަދު ބައިނަލްއަގުވާމީ އެއާލައިންތަކުގެ ތެރޭގައި މި ދެ އެއާލައިން ހިމެނެއެވެ.
ސަރަހައްދީ ނުތަނަވަސްކަން ދެމިއޮތުމުގެ ސަބަބުން އެމެރިކާގެ މައިގަނޑު ތިން އެއާލައިނުން ވެސް ތެލް އަވީވަށް ކުރާ ދަތުރުތައް ސެޕްޓެމްބަރު މަހާ ހަމައަށް މިހާރު ވަނީ ފަސްކޮށްފައެވެ. މިވަގުތު ތެލް އަވީވަށް ދަތުރުކުރާ ބޭރުގެ އެހެން އެއާލައިންތަކުގެ ތެރޭގައި ބްލޫބާޑް އެއާވޭސް، ޓަސް އެއާވޭސް، އިތިއޯޕިއަން އެއާލައިންސް، ސްމާޓްވިންގްސް، ހައިނާން އެއާލައިންސް، ރެޑް ވިންގްސް، ޖޯޖިއަން އެއާލައިންސް އަދި ފްލައިވަން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!