ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 75 އަހަރަށް މަތިކޮށްފިއެވެ.
މީގެކުރިން ބީއެމްއެލުން ލޯނު ދޫކުރަމުން އައީ އުމުރުން 60 އަހަރުވާއިރު ލޯނު އަނބުރާ ދައްކާ ނިންމާގޮތަށެވެ. ނަމަވެސް މި ބަދަލާއެކު، ލޯނު އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު ދިގުވެ، މެދުއުމުރުގެ ފަރާތްތަކަށްވެސް ގެދޮރު ގަތުމާއި އެހެނިހެން ބޭނުންތަކަށް ލޯނު ނެގުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ދައުލަތުގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި ގޮތުގައި، މި ބަދަލު ގެނައުމަށް ބޭންކުގެ ބޯޑުން ނިންމާފައިވަނީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ބޭނުމުގައެވެ.
މީގެ ކުރިން އުމުރުން 55 އަހަރުގެ މީހަކަށް ލޯނު ނެގޭނީ 5 އަހަރުގެ ތެރޭގައި ދައްކާ ނިންމާގޮތަށެވެ. ނަމަވެސް މިހާރު 20 ނުވަތަ 25 އަހަރުގެ މުއްދަތަކަށްވެސް ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ބަދަލާއެކު، އުމުރުން 18 އަހަރާއި 75 އަހަރާ ދެމެދުގެ ކޮންމެ ރައްޔިތަކަށްވެސް ޝަރުތު ހަމަވާނަމަ ބީއެމްއެލްގެ ލޯނުތަކަށް އެދި ހުށައެޅޭނެއެވެ.
މިއީ ބޭންކުގެ މާލީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ބީއެމްއެލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު މުހިންމު ބަދަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!