ކުޅުދުއްފުށި ސިޓީގައި އާދަޔާ ހިލާފަށް ޑެންގީ ހުން ފެތުރެމުންދާތީ، އެކަމަށް އިޖާބަދިނުމުގެ ގޮތުން ރަށުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ ކުޅުދުއްފުށީ ޑެންގީ ޓާސްކް ފޯސްގެ ފަރާތުން ރަށުގެ އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Ad
rt

މި ސާފުކުރުމުގެ ހަރަކާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އިތުރު 33 މުއައްސަސާއަކުން ޖުމްލަ 850 އަށްވުރެ ގިނަ މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ. މީގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާއި، ސަލާމަތީ ހިދުމަތްތަކުގެ އިތުރުން ތައުލީމީ މަރުކަޒުތައް ހިމެނެއެވެ.

މި ހަރަކާތުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، އެމް.އެން.ޑީ.އެފް، ފުލުހުން، ކަސްޓަމްސް، އިމިގްރޭޝަން، ބޭންކް އޮފް މޯލްޑިވްސް، އެސް.ޓީ.އޯ، ފެނަކަ، އަދި އެމް.ޓީ.ސީ.ސީ ފަދަ ގިނަ އިދާރާތަކެއް ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ސްކޫލްތަކާއި ޔުނިވަރސިޓީ ކެމްޕަހުގެ މުވައްޒަފުންވެސް ވަނީ މި މަސައްކަތުގައި ބައިވެރިވެފައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ރަށުގެ ސާފުތާހިރުކަން ދަމަހައްޓާ، މަދިރިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް އެންމެހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ގޭބިސީތައް ސާފުތާހިރުކޮށް ބޭއްވުމަށާއި، މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް ސަމާލުކަން ދިނުމަށް ކައުންސިލުން އެދިފައިވެއެވެ.

މި ހަރަކާތް ނިންމާލަމުން، ސިޓީ ކައުންސިލާއި ޓާސްކް ފޯސްގެ ނަމުގައި، ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވި ހުރިހާ މުއައްސަސާތަކަށާއި މުވައްޒަފުންނަށް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.