މުސްލިމުންގެ އުންމީދީ މަންޒިލަކީ ސުވަރުގެއެވެ. ދުނިޔޭގެ ހުރިހާ ލައްޒަތެއް ދޫކޮށްފައި ކިޔަމަންތެރިކަމާ އެކު އަޅުކަންކޮށް، ނަހީތަކާ ދުރުގައި މުސްލިމުން ތިބެނީ ސުވަރުގެ އަދައިގެންނެވެ.

ސުވަރުގެއަށް ވަނުމުގެ ނަސީބު ލިބޭ މީހުންނަކީ އުފާވެރި ދިރިއުޅުމެއްގައި ވާނެބައެކެވެ. ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރެއްވިއެވެ. ﴿فَأَمَّا مَن ثَقُلَتْ مَوَازِينُهُ ‎(٦)‏ فَهُوَ فِي عِيشَةٍ رَّاضِيَةٍ (٧)﴾‏ (القارعة) މާނައީ: "ފަހެ، އެ މީހެއްގެ (ހެޔޮ ކަންތަކުގެ) ތިލަފަތް ބަރުވެއްޖެ މީހާ ދަންނާށެވެ!(6) ފަހެ، އެ މީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.) (7)"

Ad
rt

ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމައަށް ވެސް ސުވަރުގޭގެ ވާހަކަ ގެންނަވައިފައި ވަނީ މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވުމަށް ޓަކައެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿وَبَشِّرِ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أَنَّ لَهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ﴾ (البقرة: ٢٥) މާނައީ: "އަދި އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަ މީހުންނަށް ޓަކައި، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރި ކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ!"

ސުވަރުގެއަށް ވަދެވޭ ޢީއްޒަތްތެރި މުސްލިމުންނަށް މަރުޙަބާ ކިޔޭނެ ގޮތުގެ ބައެއް ވާހަކަތައް ކީރިތި ޤުރުއާނުގައްޔާއި ނަބަވީ އިރުޝާދުތަކުގައި އައިސްފައި ވެއެވެ. ސުވަރުގެއަށް އެންމެ ފުރަތަމަ ވެދެވަޑައިގަންނަވާނީ މި އުންމަތުގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمއެވެ. މި އުންމަތުގެ މީހުންކުރެން އެ ކަމުގައި އިސްވާނެ ބަޔަކީ ފަޤީރުޙާލުގައިމެ އިސްލާމްދީނަށް ޓަކައި ހިޖުރަކުރެއްވި މުހާޖިރުންނެވެ.

ސުވަރެގޭގެ އަހުލުވެރިންނަށް މަރުޙަބާ ކިޔުމުގެ ގޮތުން އެންމެ ފުރަތަމަ ދެވޭނެ ކެއުމަކީ ބޮޑުމަހުގެ މޭކަމުގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. މިއީ ޘައުބާން رَضِيَ اللهُ عَنْهُގެ އަރިހުން އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘް-ފުޅެއްގައި ބަޔާންވެ އަންނަ ވާހަކައެކެވެ. ޘައުބާން ވިދާޅުވީ ޔަހޫދީއަކު އައިސް، ސުވަރުގޭގެ އަހުލުވެރިން ފުރަތަމަ ކާނެ އެއްޗަކާ ބެހޭ ގޮތުން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އާ ސުވާލުކުރެއްވުމުން ޙަދީޘްކުރެއްވީ މިފަދައިން ކަމަށެވެ. ދެން އޭނާ ސުވާލުކުރީ އެއަށްފަހު ކާނެ އެއްޗަކާ މެދެވެ.

އެކަލޭގެފާނު ޙަދީޘްކުރެއްވީ؛ "އެ މީހުންނަށް ޓަކައި ސުވަރުގޭގެ ގެރިއެއް ކަތިލެވޭނެއެވެ. އެ ގެރިއަކީ ސުވަރުގޭގެ ކޯރުގެ އައްސޭރިން ވިނަކައިގެން އުޅުނު ގެރިއެކެވެ." ދެން އޭނާ ސުވާލުކުރީ އެބައިމީހުންގެ ބުއިމާ ބެހޭ ގޮތުންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވީ "އެބައިމީހުން ބުއިމަށް ޓަކައި އެތަނުގައި ކޯރެއް ވެއެވެ. އޭގެ ނަމަކީ ސަލްސަބީލެވެ." (مسلم: 315)