ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ސްޕެއިންގެ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ، ލިބުނު ބޮޑެތި ޒަޚަމްތަކުގެ ސަބަބުން އޭނާގެ އެއް ފައި ބުރިކޮށްލަން ޖެހިއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 11 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. މި ބިރުވެރި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންގެ އަލިކާންޓޭއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށެވެ.

Ad
rt

ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ފަތުރުވެރިޔާ އޭނާގެ އަނބިމީހާ އާނާ އާއެކު ކައިވެންޏަށްފަހު ކުރި ފުރަތަމަ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސް އުޅުމުގެ ތެރޭގައެވެ. މި ދެމަފިރިންނަކީ ކޫއްޑޫ މަސް ފެކްޓްރީ ކައިރިން މޫދަށް އެރި އުޅުނު ގްރޫޕެއްގެ ބައެކެވެ.

މި ހަމަލާގައި އެ މީހާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވެއެވެ. ސްޕެއިން ކާސްޓެލޯން ޕްރޮވިންސްގެ "އެލް ޕީރިއަޑިކޯ މެޑިޓެރޭނިއޯ" ނޫހުން ބުނި ގޮތުގައި، މިޔަރު އެއްފަހަރު ދަތްއެޅި ވަގުތު އޭނާގެ ކަކުލުން ތިރީގެ ހުރިހާ މަސްތަކެއް ވަނީ ނައްޓައިގެން ގޮސްފައެވެ. މި ލިބުނު އަނިޔާގެ ސަބަބުން އޭނާގެ އެއް ފައި ވަނީ ބުރިކޮށްލާފައެވެ.

އަނިޔާވި ފަތުރުވެރިޔާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ނަމަވެސް އި ތުރު ފަރުވާއަށް ވައިގެ މަގުން މާލެ ގެނެސް، މިހާރު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އާއިލާއާ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި އޭނާގެ ސިއްހީ ހާލަތު އަދިވެސް ހުރީ ވަރަށް ނާޒުކުކޮށެވެ.

ރާއްޖޭގައި ހިނގި މި ހާދިސާގައި އަނިޔާވީ ސްޕެއިންގެ އަންހެނުންގެ ބަލިތަކާ ބެހޭ ޑޮކްޓަރެއް ކަމަށްވާ ބޯޖާ އަށްކަމަށް ސްޕެއިންގެ "އެލް ޕީރިއަޑިކޯ މެޑިޓެރޭނިއޯ" ނޫހުން ރިޕޯޓްކޮށްފައިވެއެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުގައި އޭނާއަކީ އަލިކާންޓޭއަށް ނިސްބަތްވާ މީހެކެވެ.

މިހާދިސާގަައި ފައިބުރިކޮށްލަންޖެހުނު ޑޮކްޓަރުގެ އަންހެނުން އަނާގެ އާއިލާއާ ގާތް ފަރާތަކާ ހަވާލާދީ "އެލް ޕީރިއަޑިކޯ މެޑިޓެރޭނިއޯ" އިން ބުނީ، މިޔަރު އެޅި އެންމެ ދަތަކުން އޭނާގެ ފިރިމީހާގެ ކަކުލުން ތިރީގެ ހުރިހާ މަސްތަކެއް ނައްޓައިގެން ގޮސްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގި ސަރަހައްދަކީ ގިނަ އަދަދަކަށް "ސްޕިނަރ" މިޔަރު އުޅޭ ސަރަހައްދެއް ނަމަވެސް، މިއީ "ބުލް ޝާކް" އެއްގެ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޫއްޑޫ ފެކްޓްރީން މަސް ކުނި ނާޅާތާ ހަފުތާއެއްހާ ދުވަސް ވެފައިވުމުން، މިޔަރުތައް ބަނޑުހައިވެފައި ތިބި ވަގުތެއްގައި ބަޔަކު މޫދަށް ފުންމާލުމުން މިޔަރުގެ ޝިކާރަކުރުމުގެ ސިފަ ހޭލައްވާލީ ކަމަށް ބެލެވޭކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން، ދަތުރު އިންތިޒާމުކުރި ކުންފުނީގެ އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ އަނބިމީހާ ވަނީ ރަސްމީކޮށް ޝަކުވާ ހުށަހަޅާފައެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދެމުންދާ ކަމަށެވެ.

ރާއްޖެއަކީ ގިނަ ބާވަތްތަކެއްގެ މިޔަރު އުޅޭ ގައުމަކަށްވާއިރު، މީގެ ކުރިންވެސް މިޔަރުގެ ހަމަލާގެ ބައެއް ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ފަތުރުވެރިއަކަށްވެސް މިޔަރަކާ "ކުޅެން" އުޅުމުގެ ތެރޭގައި އަނިޔާވެފައިވެއެވެ.