ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓުން ހުކުމްކުރީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ޣާލިބް ސަލީމް ކިޔާ މީހަކު ހުށަހެޅުމުންނެވެ.

Ad
rt

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވާއިރު، އެގޮތަށް ސިނާންގެ ފަރާތުން ފައިސާ ދައްކާފައިނުވާ ކަމަށެވެ. އަދި ފައިސާ ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތު ދީފައިވާއިރު، ތިން ވަނަ މަހު އެ ފައިސާ އެއްކޮށް ދައްކާފައި ވިޔަސް, ހުކުމުގައި ބުނާ ގޮތުގެ މަތިން ފައިސާ ނުދައްކާ އޮތްކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ބުންޏަސް، އެކަން އޭނާއަށް ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެ ހުކުމް ބާތިލްކުރަން ސިނާންގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ފަސް ފަނޑިޔާރުން އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ވިދާޅުވީ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކިކަން ސާބިތުވާތީ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްކުރީ ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.