ސްޕެއިންގެ މަލާގާ ޕްރޮވިންސްގެ އަވަށެއް ކަމަށްވާ އެލް ބާގޯގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިފައަށް ހަދާފައިވާ ބޮޑު ބުދެއް ގޮއްވާލައި އަންދާލައިފިއެވެ.
މި ހަރަކާތަކީ އެ އަވަށުގައި ފާހަގަކުރާ އީސްޓާ ފެސްޓިވަލްގެ ތެރެއިން ހިންގި ހަރަކާތެކެވެ. މި މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ދަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުންނެވެ.
މި ހަރަކާތަކީ ސްޕެއިންގެ ބައެއް ރަށްރަށުގައި ޒަމާނުއްސުރެ އޮންނަ "ކުއެމާ ޑި ހޫދަސް" (ޔޫދާސް އަންދާލުން) ނަމަކަށް ކިޔާ އާދަކާދައެކެވެ. މި އާދަކާދައިގެ ދަށުން، ޚިޔާނާތްތެރިން ނުވަތަ ނުބައި މީހުންގެ ގޮތުގައި ބެލެވޭ ފަރާތްތަކުގެ ބުދުތައް ހަދައި، އެއަށް މަލާމާތްކޮށް، ގޮއްވާލައި ނުވަތަ އަންދާލައި ހަދައެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ވަރަށް ހަރުކަށި އިބާރާތުން ރައްދު ދީފައެވެ. އޭނާ ތުހުމަތުކުރި ގޮތުގައި ސްޕެއިންއިން ދަނީ އިސްރާއީލާ ދެކޮޅަށް "ޑިޕްލޮމެޓިކް ހަނގުރާމައެއް" ކުރަމުންނެވެ. އަދި މިއީ ނަސްލީ ތަފާތުކުރުމާއި ނަފުރަތު އުފެއްދުން ކަމަށް ބުނެ، އިސްރާއީލުން ވަނީ ތެލް އަވީވްގައި ހުންނަވާ ސްޕެއިންގެ އިސް ޑިޕްލޮމެޓް ހާޒިރުކޮށް ނުރުހުން ފާޅުކޮށްފައެވެ.
NETANYAHU INSANE-FIREBALLED Baal-style by Spain
Crowd erupts pic.twitter.com/5sseME1twP
— RT (@RT_com) April 11, 2026
ސްޕެއިންއާއި އިސްރާއީލުގެ ގުޅުން މިވަގުތު އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އަކީ ޣައްޒާގައި އިސްރާއީލުން ހިންގާ އަސްކަރީ ހަރަކާތްތަކަށް ވިލާތުގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅާއެވެ. ސްޕެއިންއިން ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އިސްރާއީލަށް ހަތިޔާރު ވިއްކުންވެސް މަނާކޮށްފައެވެ.
އިސްރާއީލުން ދެކޭގޮތުގައި މިއީ ސަންޗޭޒްގެ ސަރުކާރުން އިސްރާއީލާ މެދު ގެންގުޅޭ ތަފާތުކުރުންތަކުގެ ނަތީޖާއެވެ. ނަމަވެސް، އިސްރާއީލަށް ފާޑުކިޔާ ފަރާތްތަކުން މި ހަރަކާތް ސިފަކުރަނީ، ޣައްޒާ ހަނގުރާމައާއި އިންސާނީ ހައްގުތަކަށް އަރައިގަތުމާ ގުޅިގެން އާންމުންގެ މެދުގައި އޮތް ނުރުހުން ބޭރުކޮށްލި ރަމްޒީ ހަރަކާތެއްގެ ގޮތުގައެވެ.
މިއީ ސްޕެއިން ސަރުކާރުން ރަސްމީކޮށް ކުރި ކަމެއް ނޫން ނަމަވެސް، މިއީ އެ ގައުމުގެ އާންމު ރައްޔިތުންގެ މެދުގައި އިސްރާއީލުގެ ސިޔާސަތުތަކާ މެދު އޮތް ނުރުހުން ހާމަކޮށްދޭ ކަމެކެވެ. މި ހާދިސާގެ ސަބަބުން މެޑްރިޑާއި ގުދުސްއާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!