އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އާ ދެކޮޅަށް ހުށަހަޅާފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލަ މިރޭ އަނބުރާ ގެންގޮސްފިއެވެ.
މި މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ޕާޓީގެ އެތެރޭގައި އުފެދުނު ނުތަނަވަސްކަމަށް ހައްލެއް ގެނައުމަށް ފަހުގައެވެ. ގަޕޯގެ އިތުބާރުގެ މައްސަލަ އަނބުރާ ގެންދިޔައީ، ކުއްލި ގޮތަކަށް މަގާމުން ވަކިކުރި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އާއި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފްގެ މަގާމު އަލުން އިއާދަކުރުމާ ގުޅިގެންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ގަޕޯ ވިދާޅުވީ، އިބްރާހީމް ވަހީދު މަގާމުން ވަކިކުރުމަށް ފޮނުއްވި ސިޓީ މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އެއާއެކު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ގަޕޯއާއި ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އަނބުރާ ގެންގޮސްފައިވާކަން ގައުމީ މަޖިލީހުގެ މެންބަރުންނަށް އިއުލާން ކުރައްވާފައެވެ.
މި މައްސަލަ ފެށުނީ ގަޕޯ ފޮނުއްވި ސިޓީއަކުން ކުއްލި ގޮތަކަށް އިބްރޭ އާއި މައުރޫފް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެކަމާ ހިތްހަމަނުޖެހިގެން 55 މެންބަރުންގެ ސޮޔާއެކު ގަޕޯ ވަގުތީ ޗެއާޕާސަންގެ މަގާމުން ވަކިކުރުމަށް ހުށަހެޅިއެވެ. ނަމަވެސް، ޕާޓީގެ ލީޑަޝިޕުން ހިންގި މަޝްވަރާތަކަށްފަހު، މިހާރު ވަނީ މައްސަލަ ހައްލުކޮށްފައެވެ.
މީގެ އިތުރުން އެމްޑީޕީން މިރޭ ވަނީ ވަގުތީ ޗެއާޕާސަނަށް ލަފާދޭ ހާއްސަ އިންޓަރިމް ކޮމެޓީއެއް ވެސް އެކުލަވާލާފައެވެ. މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ:
- ކުރީގެ ރައީސް މުހައްމަދު ނަޝީދު
- ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް
- ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)
- ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު
- ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް
- ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
އެމްޑީޕީން މިހާރު އަންނަނީ އެ ޕާޓީގެ ގައުމީ މަޖިލިސްގެ އިންތިޚާބަށް ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!