މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު ރޭ ދަންވަރު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި، އެ ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބޯޓު ފަރަށް އަރައި އަޑިއަށްދާ ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރުއެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ތިއްބެވެ.
ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު (ބިދޭސީއެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުގައި ތިބި އިތުރު 11 މީހަކު ކައިރީގައި އޮތް ރިސޯޓެއްގެ ދޯންޏަކަށް ވަނީ ނަގާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް، މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ބޯޓު އަޑިއަށް ދިއުމާ ގުޅިގެން އޭގައި ހުރި ގިނަ އަދަދެއްގެ މުދާތައް މިހާރު ދަނީ ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދަމުންނެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!