ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، އަމިއްލައަށް ކުރަންޖެހޭ ޚަރަދު ނުވަތަ އިކުއިޓީގެ ނިސްބަތަށް ބޮޑު ލުޔެއް ދިނުމަށް އެ ބޭންކުން ނިންމައިފިއެވެ.
ބޭންކުން ހާމަކުރި ގޮތުގައި، 3 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ލޯނުތަކަށް މީގެ ކުރިން އަމިއްލައަށް ދައްކަންޖެހޭ 20 އިންސައްތަ އިކުއިޓީ، މިހާރު ވަނީ 5 އިންސައްތައަށް ކުޑަކޮށްފައެވެ. މި ބަދަލާއެކު، އަމިއްލަ ބޯހިޔާވަހިކަން ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް ފައިސާ ހޯދުމުގައި ބޮޑު ފަސޭހައެއް ލިބި، ގިނަ ބަޔަކަށް އެ ފުރުސަތު ފަހިވެގެންދާނެއެވެ.
ނަމަވެސް، 3 މިލިއަން ރުފިޔާއަށްވުރެ ބޮޑު މަޝްރޫޢުތަކަށް ބޭންކުން ފައިނޭންސް ކުރާއިރު، ކުރިއެކޭވެސް އެއްގޮތަށް 20 އިންސައްތަ އިކުއިޓީ ބޭނުންވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މީގެ އިތުރުން، ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް އުފާވެރި ޚަބަރެއް ބޭންކުން ވަނީ ދީފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި ގެދޮރު ގަންނަ ފަރާތްތަކުން ދައްކަންޖެހޭ އިކުއިޓީވެސް 5 އިންސައްތައަށް ކުޑަކުރުމަށް ބޭންކުން ވަނީ ނިންމާފައެވެ.
މި ނިންމުމަކީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، އާންމު ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ބީއެމްއެލް އިން އެޅި މުހިންމު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!