އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި ހަނި ފަރަގަކުން ފިނޭ ކައުންސިލްގެ ދެ ގޮނޑި ވެރިކަންކުރާ ޕީއެންސީ އަށް ކަށަވަރުވެއްޖެއެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު އަދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ އާއިލާ ނިސްބަތްވާ ފިނޭ ކައުންސިލްގެ ރައީސްގެ ގޮނޑި ކަށަވަރުކުރީ އެމްޑީޕީންނެވެ. މިގޮތުން ފިނޭ ކައުންސިލް ރައީސްގެ ގޮނޑި އެމްޑީޕީގެ އަބުދުއްލަތީފް ޢަލީ ކާމިޔާބުކުރީ 44 ވޯޓުގެ ތަފާތަކުންނެވެ. މި ވޯޓުގައި ލަތީފަށް 207 ވޯޓު ލިބުނުއިރު، ޕީއެންސީގެ އަލީ ރަމީޒަށް ލިބުނީ 163 ވޯޓެވެ.
މި ވޯޓުގައި ކައުންސިލް މެމްބަރުގެ ގޮނޑި ޕީއެންސީގެ އަލީ މިސްބާހަށް ކަށަވަރުވީ 120 ވޯޓާއެކުގައެވެ. މިނިވަން ކެންޑިޑޭޓް މިހާރުގެ ކައުންސިލް މެމްބަރު ހަސަން އިސްމާއީލް އެ ގޮނޑި ގެއްލުނީ އެންމެ ވޯޓެއްގެ ފަރަގުން 119 ވޯޓު ލިބިގެންނެވެ. މި ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް މިހާރުގެ ކައުންސިލްގެ ރައީސް އަދުނާނު ޢަބުދުﷲ އަށް 117 ވޯޓު ލިބުނެވެ.
ފިނޭ ކައުންސިލްގެ ކައުންސިލްގެ އަންހެނުނަށް ޚާއްޞަ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މަރިޔަމް ސުމާ 176 ވޯޓުން ކާމިޔާބުކުރިއިރު، އެމްޑީޕީގެ މެމްބަރު، މިހާރުގެ ކައުންސިލްގެ މެމްބަރު ޖަވާޒާ ހުސައިނަށް އެ ގޮނޑި ދިފާއުނުކުރެވި ގެއްލުނީ އެންމެ ވޯޓެއްގެ ފަރަގުން 175 ވޯޓު ލިބިގެންނެވެ.
ފިނޭ ޑަބްލިޔުޑީސީގެ ރައީސާގެ ގޮނޑި އެމްޑީޕީގެ މައުސޫމާ ހާރޫން ކާމިޔާބު ކުރީ 205 ވޯޓު ހޯދައިގެންނެވެ. އަދި މި ގޮނޑިއަށް ވާދަކުރި ޕީއެންސީ ކެންޑިޑޭޓް ސާފިޔާތު މުހައްމަދަށް ލިބުނީ 148 ވޯޓެވެ.
ޑަބްލިޔުޑީސީގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ އައިޝަތު މުނާ އާއި އައިޝަތު ނާދިޔާއެވެ. އަދި ތިން ވަނަ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ފާތިމަތު ނުހާއެވެ.
އީސީގެ ވެބްސައިޓުން ދައްކާގޮތުގައި ފިނޭ އާއި ގުޅުން ހުރި ހުރިހާ ވޯޓު ފޮއްޓެއް މިހާރު ވަނީ ގުނާ ނިމިފައެވެ.
ހަނިމާދޫ ދާއިރާގެ ހަނިމާދޫގެ ފަސް ގޮނޑިއާއި ޑަބްލިޔުޑީސީގެ ހަތަރު ގޮނޑި އެމްޑީޕީ އަށް ލިބުނުއިރު، ޕީއެންސީ އަށް ވަނީ ހަނިމާދޫ ޑަބްލިޔުޑީސީގެ އެއް ގޮނޑި ލިބިފައެވެ. މި ދާއިރާގެ އަނެއް ރަށް، ނައިވާދޫގެ ކައުންސިލް ރައީސް ކަމާއި، މެމްބަރުކަން އެމްޑީޕީން ކާމިޔާބުކުރިއިރު، ޑަބްލިޔުޑީސީ ރައީސްގެ ގޮނޑިވެސް އެ ޕާޓީ އަށް ލިބުނެވެ. ބާކީ ގޮނޑިތައް ގެންދިޔައީ ޕީއެންސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!