އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް، ކޯޓާ ފީ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ސަރުކާރުން ހަމަޖައްސައިފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ގެނެވުނު ބަދަލާއެކު އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެއެވެ. މީގެ ކުރިން ކޮންމެ ކޯޓާއަކަށް އަހަރަކު 2,000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

Ad
rt

މި ނިންމުމުގެ ސަބަބުން ރާއްޖޭގައި ހަރަކާތްތެރިވާ 30،000 އަށް ވުރެ ގިނަ ވިޔަފާރިތަކަށް ބޮޑު މާލީ ލުޔެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މި ލުއިތައް ދިނުމުގައި އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިން) ހުއްޓުވުމަށް ވަނީ ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، އެއް މަސްއޫލުވެރިން ނުވަތަ އެއް ހިއްސާދާރުން ހިމެނޭ ތަފާތު ވިޔަފާރިތަކަށް މި ލުއި ތަކުރާރު ނުވާނެހެން އުސޫލުތައް ވަނީ ބައްޓަންކޮށްފައެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުރި މިފަދަ ނިޒާމީ ހުރަސްތައް ނައްތާލައި، ރާއްޖޭގެ އިގުތިސޯދު އިތުރަށް ފުޅާކޮށް ކުރިއެރުވުމެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހު، އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ނިންމެވި ނިންމެވުމެކެވެ.