އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހެޅުމަށްޓަކައި ސޮއި ހަމަކުރުގެ މަސައްކަތް ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަނިމާދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ގަޕޯ މަގާމުން ދުރުކުރުމުގެ މި މަސައްކަތް އިސްވެ ކުރިއަށް ގެންދަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުންނެވެ.

Ad
rt

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު ކަށަވަރުކޮށްދެއްވި ގޮތުގައި، ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނުގައި ރޭގެ ނިޔަލަށް 50 އަށް ވުރެ ގިނަ މެމްބަރުން ވަނީ ސޮއިކުރައްވާފައިކަމަށް މައުލޫމާތު ލިބެއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ގަޕޯ އިންތިހާބުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. އެ ދުވަހު އޭނާ އެ މަގާމަށް އިންތިހާބުވީ ގައުމީ މަޖިލިހުގެ 65 މެމްބަރުންގެ ތާއީދާއެކުގައެވެ.

ގަޕޯ ވަކިކުރުމުގެ މަސައްކަތް ފައްޔާޟަށް ތާއީދުކުރާ ފަރާތްތަކުން ފެށީ ފައްޔާޟު ޓީމުގައި ހިމެނޭ އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އިބްރާހީމް ވަޙީދު (އިބްރޭ) އާއި އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް އިއްޔެ މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.

އެމްޑީޕީ އަށް ދަތި ވަގުތެއްގައި ޕާޓީގެ ވަގުތީ ޗެއާ އާއި ހަވާލުވި ގަޕޯގެ ލީޑަރޝިޕްގައި ލޯކަލް އިންތިޚާބުގައި އެމްޑީޕީ ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. ގަޕޯއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ޓީމަށް ތާއީދުކުރަށްވާ ބޭފުޅެއްކަމަށް މައުލޫމާތު ލިބެއެވެ.